ނަޒީރާއި މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ކޮމިޓީން ބިލް ބަދަލުކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.


ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާ އެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިނގަމުންދާ ޑީޖޭއޭ އުވޭނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ޑީޖޭއޭގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނަވަނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ނަޒީރެވެ. ކޮމިޓީން ނިންމި ގޮތުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދުމުން ނަޒީރުގެ މަގާމު ގެއްލޭނެ އެވެ. ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.

ރިޕޯޓުގައި ވަނީ ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ. ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މާޖިދަކީ ޖުޑިޝަލް އެކަޑަމީ އަށް އައްޔަން ކުރާ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ޖުޑިޝަލް އެކަޑަމީ ޑީޖޭއޭގެ ދަށަށް ބަދަލުވާނެތީ އެ އިސްލާހު ފާސްވުމާ އެކު، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.

ޖޭއެސްސީ އަށް ގެންނަ އެހެން ބަދަލުތަކުގެ ތެރޭގައި ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރު 30 އަހަރަށް ދަށް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ބިލް ހުށަހެޅުއްވި އިރު، އޮތީ ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރު 40 އަހަރަށް މަތިކޮށްފަ އެވެ.

ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން ބިލްގައި އޮތީ ޖޭއެސްސީ އަށް އައްޔަންކުރާ މީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.