ޓައިނީ ހާޓްސް: 10 އަހަރު ފުރުން އާންމުންނާ އެކު

އުފެދުމުގައި ހިތުގައި ހުންނަ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި އެ ބައްޔަށް ފަރުވާ ހޯދުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ "ޓައިނީ ހާޓްސް" އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަފުލާއެއް ބޭއްވުމަށް ނިންމައިފި އެވެ.


އަންނަ މަހުގެ 24 ވަނަ ދުވަހު 10 އަހަރު ފުރޭ އެ ޖަމިއްޔާ އުފެއްދީ ހިޝްމަތު ފާއިޒު (ހިޝްކޮ) އާއި އަލީ މުއާޒުގެ އަލަތު ދަރިފުޅު އުމުރުން ދެ މަހުގައި ހިތުގެ މައްސަލައެއްގައި މަރުވުމުންނެވެ. އެ ދަރިފުޅުގެ ހަނދާނުގައި އުފަންކުރި ޖަމިއްޔާގައި 576 ކުދިން ރަޖިސްޓްރީވެފައިވާއިރު މިހާތަނަށް ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.

އެ ޖަމިއްޔާގެ ޗެއާޕާސަން ޑރ. އަސީލް ޖަލީލް ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ހަފުލާ އަށް ޓިކެޓު ނަގައިގެން އާންމުންނަށް ބައިވެރިވެވޭނެ ކަމަށެވެ. ދުއިސައްތަ ފަންސާސް މީހުންނަށް ޓިކެޓު ވިއްކުމަށް ނިންމާފައިވާއިރު ޓިކެޓެއް ވިއްކަނީ 500 ރުފިޔާއިން ފެށިގެންނެވެ.

"ފަންޑް ރައިޒިންއާ އެކު މި އިވެންޓް ކުރިއަށް މިގެންދަނީ. ފަސް ސަތޭކަ ރުފިޔާ އަށް ވުރެ ދަށް ނޫން އަދަދަކުން ޓިކެޓު ނަގައިގެން ބައިވެރިވެވޭނެ،" އަންހެނުންގެ ބަލިތަކަށް ހާއްސަ ޑރ. އަސީލް ވިދާޅުވި އެވެ.

ޓައިނީ ހާޓްސްއިން ބޭއްވި ކޭމްޕެއްގައި ޑޮކްޓަރަކު ކުޑަ ކުއްޖެއްގެ ހިތުގެ ޓެސްޓެއް ހަދަނީ-- ފޮޓޯ: ޓައިނީ ހާޓްސް

ރޭގަނޑުގެ ކެއުމަކާއެކު ބާއްވާ އެ ހަފުލާގައި މިހާތަނަށް އެ ޖަމިއްޔާ އަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރުން އޮންނާނެ އެވެ. އަދި އެ ޖަމިއްޔާގެ މަސައްކަތްތަކާއި ރަނގަޅު ކުރަންވީ ކަންތައްތަކާ ގުޅޭގޮތުން ތަޖުރިބާކާރަކު ހަދާފައިވާ އިވެލުއޭޝަނެއް ވެސް އާންމު ކުރަން ވަނީ ނިންމައިފަ އެވެ.

އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ މައިގަނޑު ތިން ކަމަކަށެވެ. އޭގެ ތެރެއިން "ކެއާ ފޯ ޓައިނީ ހާޓްސް" ޕްރޮގްރާމްގެ ދަށުން ރާއްޖޭން ބޭރުން ހިތުގެ ޑޮކްޓަރުން ރާއްޖެ ގެނެސް ކޭމްޕްތައް ބާއްވާފައިވެ އެވެ. މިހާތަނަށް 11 ކޭމްޕެއް ބާއްވާފައިވާއިރު 1،281 ކުދިންނަށް ވަނީ ފަރުވާދީފަ އެވެ. އަދި ބަނޑުގައި އޮއްވައި ކުއްޖާގެ ހިތުމުގެ މައްސަލަތައް ދެނެގަތުމަށް ސްކޭން ޑޮކްޓަރުން ތަމުރީނު ކުރުމަށް 90 ޓްރެއިނިންއެއް ވަނީ ބާއްވައިފަ އެވެ.

"ހެލްތީ ހާޓް" ޕްރޮގްރާމުން ވަނީ ޕްރީ ސްކޫލް ކުދިންނަށް ކަސްރަތު ކުރަން ދަސްކޮށްދިނުމަށް 231 ޓީޗަރުން ތަމްރީނުކޮށްފަ އެވެ. އެކަމަށް ހާއްސަ ލުއި ފޮތެއް އެ ޖަމިއްޔާއިން ވަނީ ނެރެފަ އެވެ.

"ސޭވް ޓައިނީ ހާޓް" ޕްރޮގްރާމުން ހިތުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ 236 ކުއްޖަކަށް ވަނީ ފައިސާގެ އެހީ ދީފަ އެވެ.

އެ ޖަމިއްޔާ އަށް 2017 ވަނަ އަހަރު ވަނީ ދުނިޔޭގެ ހާޓް ފެޑަރޭޝަންގެ މެމްބަރުކަން ލިބިފަ އެވެ.