ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން އައްޔަން ކުރަން ރައީސް ލަފައަކަށް އެދިވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރާ ދެ މަގާމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމުގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.

އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ޕީއެޗްޑީއަކާ އެކު ފަނޑިޔާރު ކަން ކުރައްވާ ދެވަނަ ބޭފުޅަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން މުހައްމަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.