ޑރ. އަޒްމިރަލްދާ (ކ) އާއި އާއިޝާ ޝުޖޫން މުހައްމަދު
23 އޯގަސްޓް 2019 - 00:38
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވަނީ، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ރައުޔުއަށް ކަމަށް، އެ މަޖިލިހުގެ ނިންމުމަކުން ހާމަވެއްޖެ އެވެ.
ޖުލައި 9 ގައި ފަތުވާ މަޖިލިހުން ނިންމި ނިންމުގައި ކަނޑައަޅާފައިވާ ގޮތް މީޑިއާއަށް މި ތިލަވީ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް މިއަދު ފޮނުއްވި ފަހުންނެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް ލާން ޖޭއެސްސީއަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން، އޭރުގެ ރައީސް އަދި އިސްލާމީ އިލްމުގައި ދުނިޔެއިން ވެސް ފާހަގަކުރެވޭ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝުޖޫން އަކީ އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރެއިން އެއް ބޭފުޅެވެ.
ރާއްޖޭގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ، ފަތުވާ މަޖިލިހުން ބެލީ ސަރުކާރުން އެ މަޖިލިހުގެ ރައުޔެއް ބޭނުންވެގެން ކަމެއް ނުވަތަ އެއީ އެ މަޖިލިހުގެ މެމްބަރުންގެ އަމިއްލަ އިސްނެގުމެއް ކަމެއް އެނގޭކަށް ނެތެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވީ، ނިންމުމުގައިވާ ގޮތުން، އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ.
ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.
ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.
އެ ރައުޔުގައިވާ ގޮތުން އެއްވެސް މައްސަލައެއްގައި، އެއީ މުދަލާ ގުޅޭ ކަމެއް ނަމަވެސް، ގިސާސާއި ހައްދުތައް ހިމެނޭ ދައުވާއެއް ނަމަވެސް ހުކުމް ކުރުމަށް އަންހެނަކާ ހަވާލުކުރުން ހަރާމެވެ. އަދި އެކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް އެ ރައުޔުގައި ވާ ކަމަށް، ފަތުމާ މަޖިލިހުން ބުނެ އެވެ. އޭގެ އިތުރުން އެފަދަ ހުކުމެއް ތަންފީޒު ވެސް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ދެވަނަ ރައުޔުގައި ވާ ގޮތުން އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކާއި ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ އެވެ. މި ރައުޔުގެ މައިގަނޑަކީ ބަގަރާ ސޫރަތުގެ 282 އާޔަތުގައި "މާލީ ކަންކަމުގައި ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ގަބޫލުކުރެވޭ" ގޮތަށް އޮތް އޮތުމެވެ.
މި ރައުޔުގައި ވާ ގޮތުން އަންހެނުންގެ ހެކިބަސް ގަބޫލުކުރެވޭ ކަންކަމުގައި އަންހެނުންނަށް ހުކުމް ކުރެވިދާނެ އެވެ.
އެކަމަކު ފަތުވާ މަޖިލިހުން ބުނަނީ އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެއް ކަމަށެވެ.
ފަތުވާ މަޖިލިހުން ދެކެނީ ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ގަބޫލުކުރުމެއް ކަމަށެވެ. އެގޮތުން އޭގައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައި ނުވާތީ އެ ރައުޔުގައި ބުރަދަނެއް ނެތް ކަމަށް، މަޖިލިހުގެ ނިންމުމުގައިވެ އެވެ.
ތިން ވަނަ ރައުޔުގެ މައިގަނޑަކީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި ވެސް އަންހެނުންނަށް ފަނޑިޔާރުކަން ކުރެވުމެވެ. އެކަމަކު އޭގައި އެއްވެސް ދަލީލެއް ނެތް ކަމަށް، ފަތުވާ މަޖިލިހުން ކަނޑައަޅާފައިވެ އެވެ. އަދި އެއީ އެ ރައުޔު ނިސްބަތްވާ އިލްމުވެރިޔާ، އަލް އިމާމުއް ތަބަރީގެ ބަސްފުޅެއް ކަމާ މެެދު ވެސް ޝައްކު އުފެދިފައިވާ ކަމަށް މަޖިލިހުން ގަބޫލުކުރެ އެވެ. އޭގެ ހެއްކެއްގެ ގޮތުން މަޖިލިހުން ބުނެފައި ވަނީ ތަބަރީ އަކީ ތަފްސީރާއި ތާރީޚުގެ ގިނަ ފޮތްތަކެއް ލިއުއްވި އިލްމުވެރިޔަކަށް ވިޔަސް، އެއިން އެއްވެސް ފޮތެއްގައި، އެ ރައުޔުގެ ވާހަކަ ނެތް ކަމަށެވެ.
"އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ، ޖުމްހޫރު އިލްމުވެރިންގެ ރައުޔަށެވެ. އެއީ ފުރަތަމަ ރައުޔު އެވެ،" މަޖިލިހުގެ ނިންމުމުގައިވެ އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެއްވެސް މައްސަލައެއް އެންމެ ފަނޑިޔާރަކަށް ނުނިންމެ އެވެ. އެހެންކަމުން އަންހެން ފަނޑިޔާރަކު އިންނަ ބެންޗަކުން ނިންމާ ނިންމުންތަކާއި އަންހެން އެންމެ ފަނޑިޔާރަކު ނިންމާ ނިންމުންތަކާ މެދު ހުންނާނެ ތަފާތު ފަދަ ކަންކަން، ފަތުވާ މަޖިލިހުގެ ނިންމުމުން އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޝައިޚް ވާނުވާ
25 August 2019
ފަނޑިޔާރުކަންކޮށްފައިވާ މަދު އަންހެނުން މާ ރަނގަޅުކަމަށް ފެންނަނީ ގިނަ ފިރިހެނުންނަށްވުރެ. މާކުޅަދާނަ. އަންހެނުންގެ ކިބައިގަ އެކަމުގެ ޤާބިލްކަން މާތް ކަލާނގެ ނުލެއްވިނަމަ އެހެން ނުވީސް. ބުއްދި ހަަޖެހޭ ވާހަކައެއްނޫން ޝެއިޚުން ތިދައްކަނީ. މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކީމަ ޒުވާން ކުދިން ދީނާ ދުރުވާގޮތްވޭ.
ސިލިނބު
24 August 2019
އަހަރެމެން އީމާންވަނީ ތިޔަ ފަތުވާ ޖަމާއަތަކަށް ނޫން. އަހަރެމެން އީމާންވަނީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދުގެފާނަށް. އެނގިއްޖެތަ.
ކިޔުންތެރިއެއް
24 August 2019
ސިލިނބެއްގެ ދައުރަކީ އޭގައި އަލިފާން އެންދުން. الله އާއި އެކަލާންގެ ރަސޫލާގެ ބަސްފުޅު އޮތީ ކިހިނެއްކަން ސިލިނބަކަށް ނޭނގޭނެ. އެކަން އެނގޭނީ އިސްލާމްދީނުގެ އިލްމުގެ އަހުލުވެރި އަމާނާތްތެރިންނަށް.
ސަކަރާތް
24 August 2019
އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމަށްބުނެ ކޮސްތިހަދަނީ.
ޔޫއްޕެ
23 August 2019
އެންމެ ފުރތަމަ ތިޔަ ފަތުވާ މަޖްލިސް ހަމައަކަށް އަޅުވާލަން ފެނޭ!
އަލީ-
23 August 2019
ޕާކިސްތާނުގެ އެންމެ މަތީ ކޯޓުން ފެށިގެން އެތައް އަންހެން ފަޑިޔާރުންނެއް އެބަ ތިބި. މެލޭޝިޔާ، ގަތަރު، ބަންގްލާދޭޝް، އިންޑޮނީޝިޔާ، އެމިރޭޓްސްގައި އަންހެން ފަޑިޔާރުން އެބަތިބި.
ނަސަރުދެއްވާށި
24 August 2019
ތިޔަކީ އެއްވެސް ތަނެއްގެ ހާލަތު ދިވެހިރާއްޖޭގެ ހާލަތާ އެއްގޮތެއްނޫން. ތިޔަކީ ތަންތާނގައި ޣައިރުދީނަށް އަޅުކަންކުރާ ތަންތަން ވެސް އެބަހުށްޓޭ މިރާއްޖޭގައި ވަކި ނުހުންނާންވީ ކީއްވެހޭ ކިޔާފައި ދެން ނުކުންނާނީ އެކަމަށް. ރޭވުން ވަރަށް ސާފު. الله ގެ ދީނަށް އެކަލާންގެ ނަޞްރުދެއްވާށިި!
ޓަނިމްކު
23 August 2019
ޖުޑިޝަރީ އިސްލާހު ކުރުމަށް ވަރަށް ބޭނުންތެރިކަމެއް އަންހެން ފަނޑިޔާރުން ބެންޗުގަ ތިބުމަކީ. ވަގުތާއި ހާލަތަށް ބަލާފަ މިކަން ކުރަންވެއްޖެ ކަމަށް ފެނޭ.
ކުރެވޭނެއޭ
23 August 2019
އަންހެނުންނަށް ފަނޑިޔާރުކަމެއް ނުކުރެވޭނެ ކަމަށް ފަތުވާ މަޖްލީހުން ބުނި ނަމަވެސް އެއީ މަމެންނަށް ގަބޫލުކުރަން ދަތި ކަމެކޭ އައި ޝުޑް ލިސްންޓު އަވަރ އިންޓެލިޖެންޓް ގާރލްސް މިރާއްޖޭގައި މިހާރު ފިރިހެން ވެރިންނަށް ވުރެން ބުރަ ކޮށް މަސައްކަތް ކޮށް ދުނިޔެ ހޯދަނީ އެއީ އަންހެން ވެރިންނޭ ދެން އެހެންވީއިރުން އަންހެން ވެރިންނަށް ފަނޑިޔާރު ކަން ނުކުރެވޭނެ އެއްވެސް އުސޫލެއް މަމެންނަށް ނުފެނެއޭ އެމެންނަށް ވަކީލު ކަން ކުރެވޭނަމަ އެމެންނަށް ފަނޑިޔާރު ކަން
އައިޝާ11
23 August 2019
ކުރެވޭނެ. މިއީ އައިސިސްއާއި ތަލަބާނުން ހިންގާ ގައުމެއް ނޫން.
އަލީބަލީ
23 August 2019
އަންހެނުންނަށް ފަޑިޔާރުކަން ނުކުރެވޭ ރައުޔަކީ ސަލަފީ ވިސްނުމެއް. މިހާރުވެސް ދުޔޭގެ ބޮޑެތި މުސްލިމު ގައުމުތަކުގައި އަންހެނުން ފަޑިޔާރުކަން ކުރޭ. އޭގެ ތެރޭގައި ޕާކިސްތާނު، ބަންގްލަދޭޝް، ޔޫއޭއީ، ގަތަރު ފަދަ ކިތަންމެ ގައުމެއް ހިމެނޭ.
ހަމަ ބުއްދި
23 August 2019
މި ފަތުވާ އާއި ދެކޮޅެއް ނުހެދޭނެ އެވެ. މިއީ ދީނީ ކަމެކެވެ. ކުޅޭކުޅޭ ކަމެއް ނޫނެވެ.ސިޔާސީ ކަމެއް ވެސް ނޫނެވެ.އަދި ކޮބާ މީހުން ނެތީކީ ވެސް ނޫނެވެ.
ޔެސް
23 August 2019
އަޅުގަނޑު މެން ހަމަ މިހެން ތިބެން ޖެހޭނީ ނަސޭހަތްތެރި ވެގެން. ޒާމާން ބަދަލު ވާން ފަށައިފި، ދީން ގެ ކަންކަމައް އިސްލާޙު ކުރާމީހުންގެ ބަސް ނުވިކެން ފަށައިފި، ވަރަށް ދެރަވޭ އަސްލު. --ޒުވާނެއްގެ ދުލުން--