މީގެ ހަފުތާއެއް ކުރިން ގއ. ވިލިނިގިލީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނެއްގެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ އެވެ.

ބާރަށް ދުއްވާފައި ދިޔަ ސައިކަލަކާއި މަގު ހުރަސްކުރަން އުޅުނު ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 22 އަހަރުގެ ޝުއާދު މުހައްމަދު ނިޒާމަށެވެ. ސައިކަލުގައި އޭނާ އިނީ ހަތަރު އަހަރުގެ ކޮއްކޮއަކާ އެކު ނަމަވެސް އެ ކުއްޖާއަކަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.

އެކަމަކު ޝުއާދަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އޭނާގެ ބޭބެ، އަލީ ނިޒާމު މިއަދު ބުނީ އެކްސިޑެންޓުގައި ފަޔަށް ލިބުނު އަނިޔާގެ އިތުރުން އޭނާގެ ކޯކަށިގަނޑު ތިން ތަނަކުން ބިނދި، ލޮލަށް ވެސް ގެއްލުން ލިިބިފައިވާ ކަމަށެވެ. އެކަމަކު ހާލު މާ ސީރިއަސް ނޫން ކަމަށް ބުންޏެވެ.

ފައިގެ އިނގިލިތައް ބުރިކޮށްލަން ޖެހުނީ އޭނާ އަށް އެންމެ ފުރަތަމަ ފަރުވާދިން އެ ރަށު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ނިޒާމު ބުނީ އެ ދުވަހު ހަވީރު 6:30 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔުމުން ޝުއާދުގެ ފައިގެ އިނގިލިތައް ސާފުކޮށް، ބެންޑޭޖެއް އަޅާލުން ފިޔަވައި އިތުރު އެހެން ފަރުވާއެއް ދީފައި ނުވާ ކަމަށެވެ. އަދި އަނެއް ދުވަހު މެންދުރު މާލެ ފުރުވާލެވެންދެން އޮތީ އެހެން ކަމަށް ބުންޏެވެ.

ކޯކަށިގަނޑަށް ލިބިފައިވާ ގެއްލުން ވެސް ޑޮކްޓަރު ނުބަލާ ކަމަށް ބުންޏެވެ.

"މާލެ ގެނައުމުން ޑޮކްޓަރުން ބުނީ އިނގިލިތަކާ ހަމައަށް ލޭ ފޯރުން ލަސްވީއޭ. ކުރިން ފަރުވާ ދިން ނަމަ ރަނގަޅުވީހޭ،" އޭނާ ބުންޏެވެ.

އެކަމަކު ވިލިނގިލީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޝުއާދު މާލެ ފޮނުވާލީ ދެވެން އޮތް ހުރިހާ ފަރުވާއެއް އެތަނުން ދިނުމަށް ފަހުގައި ކަމަށެވެ.

"ޑޮކްޓަރުން ވިދާޅުވަނީ ހޮސްޕިޓަލަށް ގެނައިރު ވެސް ހާލު ސީރިއަސް ކަމަށް. އެއީ ފްރެކްޗާ އަދި ކަޓް އިންޖަރީއަކަށް ވުމުން ވަރަށް އަވަހަށް އިނގިލިތައް މަރުވެދާނެ ކަމަށް އޭރު ވެސް ޑޮކްޓަރުން ބުނި،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަމުގައި ދެވޭނެ އިތުރު ފަރުވާއެއް ނެތީމަ މާލެ ފޮނުވާލީ."

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް މިހާރު ވަނީ ފޮނުވާލާފަ އެވެ. އޭނާގެ ހާލު ސީރިއަސްވީ، އެ ރަށުގެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބުމުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.