ލޯންޗު ބަންޑުން ޖަހައި ކަނޑުވި ތިން މީހުން ސިއްހީ މަރުކަޒުން ދޫކޮށްލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި ތިން މީހުން ހދ. ހަނިމާދޫ ސިއްހީ މަރުކަޒުން މިއަދު ދޫކޮށްލައިފި އެވެ.


ހަނިމާދޫ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކަނޑިންމައިން އިއްޔެ ވަންނަން އުޅެނިކޮށް ބަންޑުން ޖަހާލި ލޯންޗުން 10 މީހަކު ދަތުރު ކުރި އިރު، ސަލާމަތްވީ ފަސް މީހެކެވެ. އަދި ބާކީ ތިބި ފަސް މީހުން ހަނިމާދޫ ސިއްހީ މަރުކަޒަށް ގެނަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ތަނުން ވަނީ ބުނެފަ އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނީ، ނޮޅިވަރަންފަރު ވީނަސްގޭ އަބްދުއްޝުކޫރު، 57، އާއި އެ ރަށު ރެޑް ރޯސް އައިމިނަތު އާސިމާ، 29، އަދި ދ. ކުޑަހުވަދޫ ފޮގެޓްމީ ނޮޓް އައިޝަތު ޝެހެނާޒް، 29، އަށެވެ. ލޯންޗުގެ ކެޕްޓަން ޖަޒްލާން އަދުނާން 36، އާއި ލޯންޗުގެ ފަޅުވެރިޔާ ރޭ ވަނީ ދޫކޮށްލައިފަ އެވެ.

މި މީހުންގެ ތެރެއިން އަބްދުއްޝުކޫރުގެ އަންހެނުން އައިޝަތު އަލީ 51، ވަނީ މަރުވެފަ އެވެ.

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ދެން މަރުވީ ނޮޅިވަރަންފަރުގެ ގަދަރުވެރި ޓީޗަރު ހުސެއިން އަބްދުﷲ 55، އާއި އޭނާގެ އަންހެނުން މަރިޔަމް މައުސޫމް 48، އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ 30، އަދި ގުރައިޝާގެ ދަރިފުޅު އީރާ ހަސަން ޝިފާޒް 3، އެވެ.

އެނގިފައިވާ ގޮތުގައި، ލޯންޗު ދުއްވަން ހުރި ޖަޒްލާން ފުރަތަމަ ދިމާކުރީ ހަނިމާދޫ އެއާޕޯޓު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ކަނޑިންމަ އިން ވަންނާށެވެ. އެކަމަކު އެއާޕޯޓަށް ދަތުރުކުރާ އުޅަނދުފަހަރު އާންމުކޮށް ބޭނުންކުރާ އެ ނެރާ ހަމައަށް، ކުއްލި ކޮޅިގަނޑުގެ ސަބަބުން ނުދެވޭނެތީ ލޯންޗު އަނބުރާލައި، ދެކުނުކޮޅު ކަނޑިންމަ އިން ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވެ، ލޯންޗު ބަންޑުން ޖަހާލީ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އޭގެން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންނެވެ. ލޯންޗުން ބަންޑުން ޖަހާލައިގެން އުޅޭ ވާހަކަ ފަތާފައި ގޮސް އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ ލޯންޗުގެ ކެޕްޓަނެވެ.