"ހިތް ފަޅައިގެން ގޮސްފި، މިއީ ގަދަފަދަ ވޭނެއް، އިމްތިހާނެއް"

"ދޮންބޭބެގެ ފަހު ދަތުރުކަން އެނގޭ ނަމަ ޔަގީނުން ވެސް އަހަރެން ދޮންބޭބެއާ އެކު ދާނަމޭ. ދޮންބޭބެ ފުރީ ގޭގެ ހުރިހާ ކަމެއް އަހަރެންނާ ބަލަން ހަވާލުކޮށްފައި ނޫންހޭ. ދޮންބެ ނެތީމަ އަހަރެން ވަރަށް އެކަނި ވާނެއޭ. ދޮންބެ ނެތީމަ އަހަރެން ވަރަށް މާޔޫސްވާނެ،" ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ހުސެއިން އަބްދުﷲ 55، އަށް ބޮޑުބޭބެ ކިޔާ އަބްދުﷲ ވަހީދު އަސަރާ އެކު ލިޔުނެވެ.


މިދިއަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލައި ފަސް ދިވެއްސަކު މަރުވި ހާދިސާގައި ގިނަ ބައެއްގެ ލޯތައް އަމާޒުވި އެކަކަކީ ނޮޅިވަރަންފަރު ރައްޔިތުން ދަންނަ "އެދުރުބެ" ހުސެއިނެވެ. "ސުޕަ ޓީޗަރު"ގެ ނަމުން ރަށަށް މަޝްހޫރު ހުސެއިން ހާއްސަވާ އެއް ސަބަބަކީ ސްކޫލުގައި 35 އަހަރު އުޅެ، އެތައް ބަޔަކަށް ތައުލީމް ހާސިލްކޮށްދިނުމެވެ.

އޭނާގެ އާއިލާގެ ގިނަ މީހުން ހުސެއިން ބަލައިގަންނަނީ ވެސް "ބައްޕަ" ގެ ގޮތުގަ އެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ހިމާޔަތާއި އޯގާތެރިކަން ލިބުނީ އޭނާގެ ފަރާތުންނެވެ.

އަބްދުﷲ ވަހީދާއި ހުސެއިން އަބްދުﷲ.

ގައުމީ ޓީމާއި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުﷲ ވަހީދު ފޭސްބުކްގައި ލިޔުނު ގޮތުގައި އޭނާ އެދުނު ކޮންމެ ކަމެއް، އެއްވެސް ޝަކުވާއަކާ ނުލާ ފުރިހަމަކޮށްދޭ މީހަކީ ދޮންބޭބެ އެވެ. އޭނާ ސިފަކުރި ގޮތުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް އުނގަންނައިދިން "މުދައްރިސަކީ" ވެސް ހުސެއިންވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ އޭނާގެ ދިރިއުޅުމުގެ ކަންކަމުގައި އަބަދުވެސް ލަފާ އަހާ މޭސްތިރިޔާ ކަމަށް ވެސް ލިޔުނެވެ.

"އާނއެކޭ. ދޮންބޭބެ ކުރާ މުހިއްމު ހުރިހާ ކަމެއް އަހަރެންނާ ހަވާލުކުރެއޭ. އެކަން ކަމާ އަހަރެން ހަވާލުވަނީ ނުހަނު އުފަލާ އެކުއޭ. އާއިލާގެ އެންމެން ދެކެ އިންތިހާއަށް ދޮންބޭބެ ލޯބިވާކަން އެނގެއޭ. ގުރޭ ކޮއްކޮ އާއި ގިޔާސް ކޮއްކޮ އުޅޭ ނޫޅޭ ގޮތް ބަލާ ނަސޭހަތް ދޭން އަބަދުވެސް އަހަރެން ކައިރި ކިޔަމު ނޫންހޭ،" ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ހުސެއިނާ އެކު މަރުވި އޭނާގެ ދަރިފުޅު ފާތުމަތު ގުރައިޝާ 30، އާއި ގުރައިޝާގެ ކޮއްކޮ މުހައްމަދު ގިޔާސް އަށް އިޝާރަތްކޮށް ލިޔުމުގައިވެ އެވެ.

އަބްދުﷲ ބުނި ގޮތުގައި ދޮންބެ އެންމެ ފުރަތަމަ ހަނިމާދު އަށް ދާން އުޅުނީ އެ ރޭ ފަތިހެވެ. އެކަމަކު، ފަތިހު ނުގޮސް، ގުރެއިޝާމެންނާ އެކީގައި ދާން މަޑުކުރީ ހުސެއިންގެ އަންހެނުން މަރިޔަމް މައުސޫމާ، 48، އާއި ގުރައިޝާ އާއި ގުރައިޝާގެ ތިން އަހަރުގެ ދަރިފުޅު އީރާ ހަސަން ޝިފާޒް (އީރާއްކޮ) ގޮވައިގެން ﷲ ގެ ހަޟްރަތަށް ކުރާ ދަތުރެއް ކަމަށް އެއްވެސް ގޮތަކަށް ހީކޮށްފައި ނުވާނެ ކަމަށް ވެސް އަބްދުﷲ ބުންޏެވެ. އަދި އެ ދަތުރުގައި އޭނާ ބައިވެރިނުވީ ދޮންބެގެ އެދުމުގެ މަތިން އެކަމާ ދެކޮޅު ހަދަން ބޭނުން ނުވާތީ ކަމަށް ވެސް ލިއުނެވެ.

"އެއީ ދޮންބޭބެގެ ފަހު ދަތުރުކަން އެނގޭ ނަމަ ޔަގީނުން ވެސް އަހަރެން ދޮންބޭބެއާ އެކު ދާނަމޭ،" ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފޭސްބުކް ޕޯސްޓްގައި އަބްދުﷲ ބުންޏެވެ.

ދޮންބެ ދައްތަ އަށް ތައުރީފްކޮށް، އޭނާ ލިޔެފައިވާ ގޮތުގައި ދައްތަ ކައްކާ މީރު ކާ އެއްޗެހި ނުކާތީ ދެރަވެގެން ދައްތަ ވާހަކަ ދައްކަ އެވެ. ދޮންބެ ދައްތަ ތައްޔާރު ކުރަނީ ވަރަށް މީރު ކާ އެއްޗެހި ކަމަށާއި ދޮންބެއާ އެކީގައި އެއް ސުފުރާއެއްގައި ކަނީ ނުހަނު އުފަލާ އެކުގައި ކަމަށް ވެސް ބުންޏެވެ.

"ދައްތާއޭ. ދައްތަގެ ހިކި މަހު ކުޅި މަހަކީ އަހަންނަށް އެންމެ މީރު ކެއުމެކޭ،" އަބްދުﷲ ލިއުނެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ ނިމުމުން މަހާނަތައް ކައިރީގައި އަބްދުﷲ ވަހީދު އިސްދަށަށް ޖަހައިގެން -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ގުރޭ ކޮއްކޮ އަށާއި އިރާއްކޮ އަށް ދިން މެސެޖްގައި އަބްދުﷲ ބުނީ ގުރޭ ކޮއްކޮ ބޭނުންވި ހުރިހާ ކަމެއް ކުޑަބޭބެ ކޮށްދިނީ ވަރަށް ލޯބި ކަމަށާއި ކުޑަބޭބެ އަށް މާފުކުރުމަށެވެ. ކަނޑު ގަދަވެގެން ކުޑަބޭބެ ކައިރީގައި ގުރޭ ކޮއްކޮ ވަރަށް ޝަކުވާ ކުރުމުން، "މޫސުން އެހެން އޮތަސް، ދެވޭނެ ނޫންހޭ" ބުނީ މިފަދަ ކަމަކަށް އިންތިޒާރުކޮށްގެން ނޫން ކަމަށް ވެސް ލިއުނެވެ.

"އީރައްކޮ ހަޔާތުގެ ފަހު ދެ ދުވަހު ކުޑަބޭބެ ގައިގައި ވަރަށް ލޯބިން ބައްދާލާ ސައިކަލް ދުއްވަން ދާނީ ކުޑަބޭބެއާ އެއްކޮށްނޭ ބުނީމު ނޫންހޭ. ނުހަނު އުފަލާ އެކު އީރާއްކޮ އަށް އެކަން ކޮށްދިނީމު ނޫންހޭ. އެކަމު އީރާއްކޮ ތި ވަކިވީ ކުޑަބޭބެ ހިތް ފަޅާލަފައި،" އަބްދުﷲގެ ހިތުގެ ވޭން ހާމަކޮށްދިނެވެ.

އަބްދުﷲ ގެ މެސެޖް ނިންމާލަމުން ބުނީ އާއިލާ މެމްބަރުންގެ ޖަނާޒާގެ ކަންކަން ވަރަށް ކެތްތެރިކަމާ އެކު ފުރިހަމަކޮށް ދެވޭތޯ ބަލާފައިވާނެ ކަމަށެވެ. އެކަމަކު އޭނާގެ ހިތް ފަޅައިގެން ގޮސްފައިވާ ކަމަށާއި މިއީ ގަދަފަދަ ވޭނަކާއި ބޮޑު އިމްތިހާނެއް ކަމަށް ވެސް ލިއުނެވެ.

އަބްދުﷲ ވަނީ ދޮންބޭބެމެންނާ ސުވަރުގެ އިން ބައްދަލުވާނެ ކަމަށް ބުނެފަ އެވެ. އަދި ދޮންބޭބެ ދިން ތަރުބިއްޔަތުގެ ބޭނުން ހިފައި ދޮންބޭބެ ފަހުރުވެރިވާ ދަރިޔަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.