ހެކިބަސް ދޭން މަޖުބޫރުކުރި ކަމަށް ބުނެ ލުތުފީގެ ސިޓީއެއް ކޯޓަށް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހެކިބަސް ދޭން މަޖުބޫރުކުރި ކަމަށް ވިދާޅުވެ، އޭނާ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.


ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓްގައި ބަހައްޓަން އެއްބަސްވުމަށް ފަހު، އެއާ ޚިލާފްވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ހެކިބަސް ދޭން މަޖުބޫރުކޮށް ބިރު ދެއްކި ކަމަށް ވިދާޅުވެ ލުތުފީގެ ފަރާތުން އެ ކޯޓަށް ސިޓީއެއް ލިބިފައި އެބައޮތް ކަމަށެވެ. އަދި އަދުލުވެރިކަމާ އެކު ހެކިބަސް ދެވޭ ފަދަ މާހައުލެއް ނެތުމުން ހެކިބަސް ނުދެވޭނެ ކަމަށް ވެސް އެ ސިޓީގައި ބަޔާން ކުރައްވާފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ލުތުފީ އަށް ހެކިބަސް ދޭން މަޖުބޫރުކުރި ކަމުގެ ވާހަކަތަކެއް އާންމުވުމުން އޭނާ ފުލުހުންގެ ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ އިންޓަވިއުގެ ވީޑިއޯ ރެކޯޑިން ދައުލަތުން ބަލާފައިވާނެ ކަމަށެވެ. އެ ވީޑިއޯއަށް ބަލާއިރު އެފަދަ އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށާއި އެހެންވެ، ލުތުފީ ހެއްކެއްގެ ގޮތުގައި ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ ވީޑިއޯ އަށް ރިއާޔަތްކޮޮށް ދިނުމަށް ދައުލަތުން އެދުނެވެ.

އާޒިމާގެ ފަރާތުން ހުށަހެޅުންތަކެއް

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން އެ މައްސަލައިގައި އެއްވެސް ހުށަހެޅުމެއް ހުށަހެއް ނާޅަ އެވެ. އެކަމަކު އާޒިމާގެ ފަރާތުން ވަނީ ބައެއް ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެގޮތުން، އެ މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ލުތުފީގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ހެކިންގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް އާޒިމާގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅި އެވެ.

ލުތުފީ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އާޒިމާގެ ފަރާތުން ހުށަހެޅީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ އާއި ހެކިބަސް ދިނުމަށް މަޖުބޫރުކޮށް، ބިރު ދައްކަމުންދާ ކަމަށް ލުތުފީ ވިދާޅުވެފައި ވާތީ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އެހެންވެ، ލުތުފީ އަކީ އެ މައްސަލައިގައި މިނިވަން ކަމާ އެކު ހެކިބަސް ދެވޭނެ ބޭފުޅެއް ނޫން ކަމަށާއި އެހެންވެ އޭނާ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އާޒިމާގެ ހުށަހެޅުމުގައިވެ އެވެ.

ޔާމީން ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ހުށަހެޅީ އެއް ކުށަކާ ގުޅިގެން ތުހުމަތު ކުރެވޭ އެއް ފަރާތަކުން އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވެސް ހެކިބަސް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމެއްގައި އޮތުމުން ކަމަށް ހުށަހެޅުމުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައި އޮތުމުން ދަށު މަރުހަލާގެ ކޯޓުތަކުން އެ ނިންމުމަށް ތަބާވާން ޖެހޭނެ ކަމަށާއި އެހެންވެ، ޔާމީން ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އާޒިމާގެ ހުށަހެޅުމުގައި ވެ އެވެ.

ޝަރީފް ހެއްކެއްގެ ގޮތުގައި އެ މައްސަލައިގައި ބަލައިނުގަނެވޭނެ ކަމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދާތީ އެވެ. އަދި މުއައްވިޒަކީ ވެސް އެ މައްސަލައިގައި މިނިވަން ގޮތެއްގައި ހެކިބަހެއް ދެވޭނެ ބޭފުޅެއް ނޫން ކަމަށާއި އެހެންވެ، އޭނާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ އެ ހުށަހެޅުންތަކުގައިވެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ނުވަނީސް، އެ ދައުވާ އާޒިމާގެ މައްޗަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އާޒިމާގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކާ ހަވާލާދީ އެ ހުށަހެޅުމުގައި ވަނީ ކުށުގެ އަސްލު މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ނުކުރާހާ ހިނދަކު އެކަމުގައި ބައިވެރިވި މީހާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް އާޒިމާގެ މައްޗަށް މި ވަގުތު އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.

އެ ހުށަހެޅުންތަކަށް ރައްދު ދީ، ދައުލަތުން ބުނީ ލުތުފީގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތުމަކީ އޭނާ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށާއި އެ މައްސަލަ ތަހުގީގުކުރި ފަރާތުގެ ހައިސިއްޔަތުން އޭނާ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ތަހުގީގުކުރާ ފަރާތް ހާޒިރުކޮށް ހެކިބަސް ނެގުމަކީ ކުރިން ވެސް އަމަލުކުރާ އުސޫލެއް ކަމަށް ދައުލަތުން ބުންޏެވެ.

އެއް ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހެކިންގެ ގޮތުގައި ހުށަހެޅުމަކީ ރާއްޖޭގައި ކުރިން ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި އެފަދަ މައްސަލަތަކުގައި ދައުވާ ކުރަނީ ހަމައެކަނި އެ މީހާގެ ބަހަށް އެކަނި ބަލައިގެން ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި އާޒިމާ އަށް ދައުވާ ކުރަނީ ވެސް ހަމައެކަނި ޔާމީންގެ ބަޔާނަށް އެކަނި ރިއާޔަތް ކޮށްގެން ނޫން ކަމަށާއި އެ މައްސަލާގައި އިިތުރު ހެކިން ވެސް އެބަތިބި ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެ މައްސަލާގައި ޔާމީން ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތަސް، އެކަމަކީ އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އޭނާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި މުއައްވިޒް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވަނީސް އާޒިމާގެ މައްޗަށް އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ އެގޮތަށް ކޯޓުން ނިންމައިފި ނަމަ އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ވަކި މުއްދަތެއްގެ ތެރޭގައި ޝަރީއަތް ހިންގައި، ނިންމަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރާއިރު އެގޮތަށް ކޯޓުން ކަނޑައަޅައިފި ނަމަ އެ މުއްދަތު ފަހަނަ އަޅައި ދާނެ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ދައުވާ ކުރުމުގެ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އަސްލު ކުށްކުރި މީހާއަށް ކުށް ސާބިތުވެގެން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ވުމުގެ ކުރިން ދައުވާ ކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އިސް ގާޒީ ހައިލަމް ވަނީ ދައުލަތާ ބައެއް ސުވާލުތައް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން އެ މައްސަލާގައި އާޒިމާ ނުފޫޒު ފޯރުވި ކަމަށް ދައުލަތުން ބުނަނީ ކީއްވެގެންތޯ އާއި އެސްކްރޯ އެކައުންޓެއް ހުޅުވަން ލަފާ ދިނުމަކީ ކުށެއްތޯ އިސް ގާޒީ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ރައީސް ޔާމީންގެ ބޭންކް ސްޓޭޓްމަންޓް ހޯދަން އޭސީސީން މަަސައްކަތް ކުރަމުން ދަނިކޮށް އެ ސްޓޭޓްމަންޓް އޭޭސީސީއަށް ފޯރުކޮށް ދިނީ ރައީސް އޮފީހުން ކަމަށް ލުތުފީ ތަހުގީގަށް ދިން ބަޔާނުން އެނގެން އެބައޮތް ކަމަށެވެ. އަދި އެސްކްރޯ އެކައުންޓެއް ހުޅުވަން ލަފާ ދިނުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ކަމަށާއި އެކަމަކު އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މަނީ ލޯންޑްރިންގެ އަމަލުތަކެއް ހުރި ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި އާޒިމާ ވިދާޅުވީ ބޭންކް ސްޓޭޓްމަންޓް އޭސީސީ އަށް ފޮނުވީ ރައީސް އޮފީހުން ކަމަށެވެ. އަދި އެއީ އެތައް މުވައްޒަފުންތަކެއް ވެސް އުޅޭ އޮފީހެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، އެސްކްރޯ އެއްބަސްވުމެއް ހަދަން އޭނާ ލަފާ ދީފައި ނޯންނާނެ ކަމަށާއި އޭނާ ކުރެއްވި ހަމައެކަނި ކަމަކީ ރައީސް ޔާމީން އެންގެވި ގޮތަށް، އޭސީސީއާ މުއާމަލާތް ކުރުން ކަމަށެވެ. އެކަމަކު ގާނޫނާ ޚިލާފް ކަމެއް ކުރަން ޔާމީން އެންގެވި ނަމަ، އެކަން ނުކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އާޒިމާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.