ރިލްވާން ގެއްލުވާލި މީހުންގެ ގައިގައި ޓެގް އަޅުވައި ނުރައްކަލަކަށް ނުވާވަރު ކުރަން ޖެހޭ: އީވާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލުމުގައި" ބައިވެރިވި މީހުންގެ ގައިގައި ޓެގް އަޅުވައިގެން ނޫނީ ދިވެހިންނަށް ސަލާމަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ހުލާސާ ރިޕޯޓަށް ބަހުސް ކުރައްވައި އީވާ ވިދާޅުވީ ދިވެހިން އެންމެ ބިރު ގަންނަނީ ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި މީހުން އަދިވެސް ސަލާމަތުން ތިބޭތީ ކަމަށެވެ.

"ސީދާ އެ ވަޅި ހެރި މީހުން، ކަރު ބުރިކޮށްލި މީހުން، ކަނޑު ފެއްތި މީހުން މަރުވެ ނެތިގެން ގޮސްދާނެ. ނަމަވެސް ރޭވި މީހުން، އޯޑަރު ދިން މީހުން، މިކަން އިންތިޒާމު ކުރަން ވެގެން ބާރު އަޅައި މިކަމުގެ ތެރޭގައިވާ މީހުން، ފައިސާ ދޭ މީހުން، ހިތްވަރު ދޭ މީހުން، ބިރުވެރިކަން ފަތުރާ މީހުން، މި އަނިޔާވެރިކަމަކީ ކުރެވޭން އޮތް ކަމެއް ކަން ވިސްނައި ދެމުންދާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ސަލާމަތުން ތިބީތީ އަޅުގަނޑު ހަމަގައިމު ވެސް އެންމެ ކަންބޮޑުވަނީ،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސާ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވި ގޮތުގައި ކޮމިޝަނުން ރިޕޯޓު އާންމު ކުރުމާ ގުޅިގެން ސާފުވި އެއް ކަމަކީ ރިލްވާނަށް ހެދި ގޮތެވެ. ދެ ވަނަ އަށް ސާފުވީ ރިލްވާން ގެއްލުވާލީ ރާވައިގެން ކުރި ކަމެއް ގޮތަށް ކަމަށާއި މިއީ ރިލްވާން ދެއްކި ވާހަކައަކުން ނުވަތަ ބަޔަކު އައި ރުޅީގައި ކުރި ކަމެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

"ކުރިއާލައި ރާވައިގެން ވިސްނައިގެން، މަތިން އައި އޯޑަރަކަށް ފަހަށް ނުޖެހޭ ވަރަށް ރާވައިގެން ދިވެހި ޒުވާނަކު މަރާލީ. އޭނާއާ ދިމާލަށް ލާދީނީއޭ ގޮވަމުން ގޮސް އެ ދޯނިމަތީގައި ކަލެއަކީ ލާދީނީ މީހެކޭ ބުނީމަ، ޝަހާދަތް ކީމަ ވެސް ވަރިހަމައޭ ކިއާފައި 28 އަހަރުގެ ދިވެހި ޒުވާނެއްގެ ބޯ ބުރިކޮށްލާފައި ކަނޑުފެއްތީ،" ފަސް އަހަރު ކުރިން ގެއްލުނު ރިލްވާނަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މިއަދު ކުރަން ޖެހިފައިވާ ކަމަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގާ އަނދިރި ދައުލަތް ނައްތާލުމަށް ކުރަން ހުރި ހުރިހާ ކަމެއް ކުރުމެވެ. ރިލްވާން މަރާލީ ދިވެހި ދައުލަތުން ރާވައިގެން ހިންގި ކަމަކުން ނޫނޭ ވިދާޅުވެވޭނެ ޖާގައެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ. ރިލްވާން މަރާލި މީހުންނަށް ފާރަލާދިނީ ފުލުހުން އިސްވެ ތިބެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލުމަށް ފައިސާ ދިނީ އޮޑިދޯނިފަހަރާއި ފޮތި ފިހާރަތަކާއި ޖިމާއި ރެސްޓޯރަންޓުތައް ފަދަ ތަންތަން ހިންގާ ބައެއް ކަމަށް ވެސް އީވާ ތުހުމަތު ކުރެއްވި އެވެ. އަދި ވީ އެންމެ އަވަހަށް މަޝްވަރާކޮށްގެން މި ބިރުވެތިކަމުން ސަލާމަތްވާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި މީހުންގެ ޕާސްޕޯޓް އެކަނި ހިފެހެއްޓުމަކުން ފަރުޖެއްސޭކަށް ނެތެވެ. ރިޕޯޓު އާންމު ކުރި އިރު، އެ މީހުންގެ ގައިގައި ހުންނަން ޖެހޭނީ ޓެގް އަޅުވައި މުޖުތަމައުގެ ނުރައްކަލަކަށް ނުވާ ވަރުކޮށްފައި ކަމަށް އީވާ ވިދާޅުވި އެވެ.

ރިލްވާނަށް ހޯދައިދެވޭނެ އިންސާފަކީ މި ބިރުވެރިކަމުން ސަލާމަތް ކުރުން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ 14 މީހަކަށް ފުރިޔަ ނުދީ އެމީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރިލްވާން ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.