މަސްވެރިކަމުގެ ބިލް މަޖިލިހުން ފާސްކޮށްފި

ސަރުކާރުން ހުށަހެޅި މަސްވެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި ބިލް ބޮޑެތި އިސްލާހުތަކާ އެކުގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސް ކުރި އިރު، ކޮމިޓީ މަރުހަލާ އާއި މަޖިލިހުގެ ތަޅުމުގައި އިސްލާހުތަކެއް ގެނަ އެވެ.

ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް އެހީތެރިވެ ދިނުން ހިމެނެ އެވެ. އަދި މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ އެމީހުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

މީގެއިތުރުން ޒުވާން މަސްވެރިން އަހުލުވެރިކުރުވައި މަސްވެރިކަމުގެ ސިނާއަތުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާ އެކު ހަރަކާތްތެރިވުމަށް ބާރު އަޅައި އެކަމަށް މަގުފަހި ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމާއި މަސް ދޯނި ފަހަރު ރާއްޖެ އިން ބޭރަށް ގޮސް ބޭރު ބާޒާރުތަކުގައި މަސް ވިއްކުމުގެ ފުރުސަތު ހޯދައިދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

ބިލަށް އަލަށް އިތުރު ކުރި ބައެއް ބޮޑެތި ކަންކަމުގެ ތެރޭގައި ވަނީ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުމަށް މަގުފަހި ކުރުމާއި ކަނޑުގެ ސަރަހައްދުގައި އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމަށެވެ. އަދި ރާއްޖޭގައި މަސް ދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާ ކުރުމަށް މަގުފަހިކުރަން ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭ ސްކީމެއް، މިނިސްޓްރީގެ މަޝްވަރާގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަން ވާނެ ކަމަށް ވެސް އިސްލާހު ކުރި މަސްވެރިކަމުގެ ބިލްގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ބިލަށް ގެނައި އެހެން ބައެއް ބޮޑެތި ބަދަލުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމް ކުރަން ލާޒިމް ބިލްގައި ހިމެނި އެވެ.

ބިލްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ މަސްވެރިކަމުގެ ބާވަތްތައް ކަނޑައަޅައިފަ އެވެ. އެއީ ކަޅުބިލަމަހުގެ ދޮށީ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނު މަސްވެރިކަމާއި ލޭނު މަސްވެރިކަމާއި ހިބަރު މަސްވެރިކަމާއި ވަދު ނަނުގެ މަސްވެރިކަމާއި ފާނައިގެ މަސްވެރިކަމާއި އެންވެރިކަމާއި ދިރޭ ކުދި މަހުގެ މަސްވެރިކަމާއި ތުތި ބޯވަ ދިލަ މަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ފަޅުތެރޭގައި ކުރާ މުށިމަހުގެ މަސްވެރިކަމާއި ހުއިފިލަނޑާ އާއި އިހި ފަދަ ތަކެތި ނެގުމުގެ މަސްވެރިކަމެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަމަކީ ބިލްގައިވާ ގޮތުން ބޮޑު ދަލުގެ މަސްވެރިކަމާއި އޮޔާދާ ދަލުގެ މަސްވެރިކަމާއި ދަމާ ދަލުގެ މަސްވެރިކަމާއި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަމާއި ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެން ވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން ކުރާ މަސްވެރިކަމެވެ.