ފުވައްމުލަކަށް ދޮންވެލި ސަޕްލައިކުރަން ބައެއް ރަށްރަށުން އެއްބަސްވެއްޖެ: ސިޓީ ކައުންސިލް

ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ދޮންވެލި ފުވައްމުލަކުން ނުލިބޭތީ ދޮންވެލި ހޯދަން ގއ. އާއި ގދ. އަތޮޅުގެ ބައެއް ރަށްރަށާ އެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދޮންވެލި ހޯދަން ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ނަޑައްލާ އަދި ފަރެސްމާތޮޑާގެ ކައުންސިލްތަކުގެ އިތުރުން ގއ. އަތޮޅު ކައުންސިލާއި އެ އަތޮޅު ވިލިނގިލި ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށެވެ. ހުރިހާ ކައުންސިލަކުން ވެސް ވަނީ ދޮންވެލި ސަޕްލައިކޮށްދޭން އެއްބަސްވެފައި ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޮޑިގައްލާ ފަޅުން ވެލި ނަގަން ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ހުއްދަ ދީފައިވާ ކަމަށާއި އެ ފަޅުން ވެލި ނެގުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ބުންޏެވެ. އަދި ޕަމްޕު ބޭނުންކޮށްގެން ވެލި ނަގަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެއްބަސްވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ސިޓީ ކައުންސިލުން އަންނަނީ ގެދޮރު އަޅަން ބޭނުންވާ ތަކެތި ފަސޭހަކަމާ އެކު ލިބޭނެ ގޮތެއް ހަމަޖައްސަން މަސައްކަތްކުރަމުން ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.