ރާއްޖެ އެހެން ގޮތަކަށް އަނބުރާލަން އެބަ އުޅޭ: ނަޝީދު

ރާއްޖެ އެހެން ގޮތަކަށް ބަދަލުކޮށް، "އަނބުރާލަން" ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ގައުމެއް ބިނާކުރެވެނީ ގައުމިއްޔަތެއް ބިނާކޮށް، މާޒީއެއް ހޯދީމާ ކަމަށެވެ. ގައުމިއްޔަތެއްގެ އެންމެ މުހިންމު ބޮޑު އެއް މާނައަކީ ކުރީގައި ވެފައި އޮތް ގޮތާއި ދިވެހިން ދާން ބޭނުންވާ ތަން ސާފުވެފައި އޮތުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު ގައުމިއްޔަތު ފޮހެލުމަށް މިދިޔަ ވިއްސަކަށް ނޫނީ ތިރީހަކަށް އަހަރު ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެ ނޭވާގައި އެމަނިކުފާނު މިސާލު ނެންގެވީ ތާރީހީ އެތައް ބިނާތަކެއް ތަޅާލުމަކީ މާޒީ ފޮހެލަން ކުރި މަސައްކަތެއްގެ ގޮތުގަ އެވެ.

"އެންމެ ބޮޑަށް ކުރެވުނު މަސައްކަތަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން، ޒިޔާރަތްތައް ތަޅާލުން މާޒީ ފޮހެލުން. އެއަށް ފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ކުރަން ފެށުން،" ނަޝީދު ވިދާޅުވި އެވެ.

ދިވެހިން ހެދުން އަޅާ ގޮތް ވެސް ބަދަލުކުރި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ކުރިން ނަމަ، ދިވެހިން ބޭނުން ކުރަނީ ފަގުޑި އާއި މުންޑާއި ލިބާސް ކަމަށެވެ. އޭގެ ފަހުގައި ދިވެހިން ބޭނުން ކުރަން ފެށި އެއްޗަކީ ފަޓުލޫނު ކަމަށް ވިދާޅުވި އެވެ.

"އެގޮތްތައް ވަރަށް ބޮޑަށް އެކުލެވިފައި އޮތީ މިސްކިތްތަކާ. މިސްކިތްތަކުގެ ތެރެއިން އަޅުގަނޑުމެން ކުރާ އަޅުކަންތަކާ އެކު ވެސް. ނަމަވެސް މި ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑު ރޫހެއް އުފެދިއްޖެ، މުޅިން އެހެން ގޮތަކަށް ދިރިއުޅުން ބަދަލު ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދު ބުރުގާ އަޅުއްވަން ފެއްޓެވީ އެމަނިކުފާނުގެ އުމުރުފުޅުން 30 އަހަރު ވީ ފަހުންނެވެ.

"މަންމަ ހެދުން އަޅާ ގޮތް ބަދަލުކުރީ ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅީ. އޭގެ ކުރިން މާމަ ހެދުން އެޅި ގޮތެއް އެޅި. މާމަ ބައެއް ފަހަރު ހަވީރަށް ވީމަ، ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީ މަންމަ އަޅަން ފެށި ބުރުގާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސްކިތްތަކާއި ޒިޔާރަތްތައް ހުރުމަކީ ވެސް ބޮޑު ބިދުއަކަށް ވެ، އެ ތަން ތަޅާލަން ފަތުވާ ނެރެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ޒަމާނުއްސުރެ ފަށައިގެން ކަމުން އައި ކެއުންތައް ވެސް، އުޅެމުން އައި އުޅުންތައް ވެސް، ލަމުން އައި ލިބާސް ވެސް، ކިޔަމުން އައި ހުރިހާ ފަރިއްސަކާއި ޅެމެއް ވެސް ލަވައެއް ވެސް، އެއީ މުޅިން ރަނގަޅު ގޮތް ނޫން ކަމަށް ފަތުވާ ދެވެން ފަށައިފި،" ވަކި ބައެއްގެ ނަން ނުގެންނަވައި، ނަޝީދު ވިދާޅުވި އެވެ.

ރޭގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހިން ވެސް އުޅެން ބޭނުންވަނީ އިސްލާމް ދީނުގައި ކަމަށެވެ. އެކަމަކު ދިވެހިން ހެދުން އަޅާ ގޮތް ބަދަލު ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.

ނަޝީދުގެ ވާހަކަފުޅު މިގޮތަށް އައުމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވީ މުސްލިމުން އީމާންވާން ޖެހޭނީ، ކާބަފައިން އުޅުނު ގޮތަށް ނޫން ކަމަށާއި މުސްލިމުން އަމަލު ކުރަންވާނީ، ގުރުއާނާއި ސުންނަތަށް ކަމަށެވެ.