މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އައިޖީއެމްއެޗް އައިސީޔޫގައި

ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް އިއްޔެ ވެއްޓި ހާލު ސީރިއަސްވި ދެ އަހަރުގެ ފިރިހެން ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗް އައިސީޔޫގައި ބާއްވައިގެން ރޭ ފަރުވާދޭން ފަށައިފި އެވެ.


އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެނައީ ރޭ 12 ޖަހާކަން ހާ އިރު ކަމަށެވެ. އަދި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއްޖާގެ ގޭގައި ހަދާފައި އޮތް މަސް ފެންގަނޑުގެ ފުން މިނުގައި ގާތްގަނޑަކަށް ދެ ފޫޓުވަރު ހުންނަ ކަމަށްވެ އެވެ.

ގަމު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ އިއްޔެ ވިދާޅުވީ ފެންގަނޑުން ކުއްޖާ ނެގި އިރު ވެސް ހާލު ސީރިއަސް ކަމަށެވެ.

ބެލެވޭ ގޮތުގައި ފެންގަނޑަށް ވެއްޓުނު ގޮތަށް މީހަކަށް ނުފެނި ގިނަ އިރުތަކެއް ވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވެސް ކުއްޖާ އަށް ފަރުވާ ދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.