ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއްގައި ވަނީ ރޯވެފަ އެވެ. އަލިފާން ރޯވި ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. އެ ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ދިރިއުޅުނު އައިޝަތު ޝައުނާ ވަނީ މަރުވެފަ އެވެ.

ހާލުގައި ޖެހޭ މީހުންނަށް އެހީވާ މަރުކަޒުގެ ގޮތުގައި ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލު ރޭ ހާއްސަ ކުރި އެވެ. އެންޑީއެމްއޭ އާއި ރެޑް ކްރެސެންޓްގެ ވޮލަންޓިޔަރުންނާއި ގިނަ އަދަދެއްގެ އާންމުން ދިޔައީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޭ ހާލުގައި ޖެހިގެން 443 މީހުން ގެނެވުނު ކަމަށާއި އެ ހުރިހާ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް
އަލިފާނުގެ ހާދިސާއާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް

އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ބައެއް ބިދޭސީންނާ ވެރިފަރާތުން ހަވާލުވެފައިވާއިރު 59 ބިދޭސީންއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނާއި ނިދާ ގޮދަޑި، ބާލީސް، ބެޑްޝީޓް ފަދަ ތަކެތި ވާނީ ފޯރުކޮށްދީފައި." ހިސާން ވިދާޅުވި އެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން އާއިލާ މީހުންގެ ކައިރިއަށް ގޮސްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ. އާއިލާތަށް ކައިރިއަށް ބަދަލުވެފައިވާ މީހުންގެ ހާލަތުވެސް ކައިރިން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ގެތަކެއްގައި މީހުން ނޫޅެވޭ ވަރަށް ހުރީ އަނދާފަ އެވެ. އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކަށް ހަމަޖައްސާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ހިސާން ވިދާޅުވި އެވެ.