ހ. ތިލަފުށި ގޭގެ ގުދަނުގައި ރޭ ރޯވަން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ކެމިކަލް ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރި އިތުރު ތިން ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައިފަ އެވެ. އޭގެ ތެރެއިން ގެއެއްގައި އުޅުނު އާއިޝަތު ޝައުނާ، 46، ފިހިގެން މަރުވެފައިވާއިރު 443 މީހަކު ވަނީ ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދިފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ދިނުމަށް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހާދިސާގެ ތަހުގީގު ނުނިމޭތީ، ކަން ހިނގަން މެދުވެރިވި ސަބަބު ދަންނަވަން ނޭނގޭ ކަމަށެވެ.

"އެ ބޭފުޅުން އެދަނީ މަސައްކަތް ކުރައްވަމުން. އަދި ނޭނގެ އެއްޗެއް ދަންނަވާކަށް. ރެއިން ފެށިގެން ސިފައިންގެ ބޭފުޅުން އެތިއްބެވީ އެތަނުގައި. ނުވެސް ނިދާ،" އަލިފާން ރޯވި ސަރަހައްދަށް ރޭ ވަޑައިގެންނެވި މާރިޔާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން،  ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ކޮމާންޑަރު އަބްދުﷲ. -- ފޮޓޯ: އެމްއެންޑީއެފް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން، ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ކޮމާންޑަރު އަބްދުﷲ. -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންނަށް މާރިޔާގެ ތައުރީފް

އަލިފާން ނިއްވަން ރޭ ސިފައިންގެ 12 ވެހިކަލެއް ބޭނުންކުރިއިރު އެ މަސައްކަތުގައި 150 އެއްހާ ސިފައިން ހަރަކާތްތެރިވި އެވެ. ސިފައިންގެ އިތުރުން ފުލުހުންނާއި އެއާޕޯޓް ފަޔާ އާއި އާންމުން ވެސް އަލިފާން ނިއްވަން މަސައްކަތް ކުރި އެވެ. އެ ހުރިހާ އެންމެނަށް ވެސް ޑިފެންސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސިފައިންގެ މަސައްކަތް ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމަށާއި މީހުން ސަލާމަތް ކުރުމުގައި ސިފައިން ނަމޫނާ ދައްކާފައިވާ ކަމަށެވެ. އަލިފާން ރޯވެފައިވަނިކޮށް ސިފައިން ގެތަކަށް ވަދެ މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ގޭގޭގައި ތާށިވެފައިވާ ބައެއް މީހުން އުފުލާލައިގެން ނެރެން ޖެހުނު ކަމަށާއި ދުވަސްވީ އަންހެނަކު ނެރުނު ސިފައިންގެ މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަލިފާން ރޯވެފައި ވަނިކޮށް އެތައް ފަހަރަކު ގޭގެ އަށް ސިފައިިން ވަދެ މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެ ޒުވާން ބޭފުޅުން މަސައްކަތް ކުރެއްވީ. އަނދައަނދާ ހުރި އަލިފާންތަކުގެ ތެރެ އަށް އެ ބޭފުޅުން ވަދެގެން މަސަައްކަތް ކުރެއްވީ،" މާރިޔާ ވިދާޅުވި އެވެ.

ހެންވޭރު އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިޔު އޮފިސަރުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހެންވޭރު އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިޔު އޮފިސަރުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިނގިރޭސި ވިލާތުގެ ލަންޑަނުގެ ހުޅަނގުގައި ހުންނަ ޓަވަ ބްލޮކުގައި 2017 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ކަންތައް ދިމާވި ގޮތުން މިސާލު ނަންގަވައި މިނިސްޓަރު ވިދާޅުވީ އެ ގައުމާ އަޅާބަލާއިރު މަދު ވަސީލަތްތަކާ އެކު ވެސް ސަލާމަތީ ބާރުތަކުން މަސައްކަތްކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

ރޭ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ފެނުގެ އިތުރުން ފޯމް ޖަހައިގެންނެވެ. ފޯމް ޖެހުމަށް އެމްއޭސީއެލްގެ ވެހިކަލެއް ވެސް ގެނަ އެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، އެމްއެންޑީއެފްގެ ވެހިކަލަކުން ވެސް ރޭ ފޯމް ޖެހި ކަމަށެވެ. އަދި ސިފައިން ވެސް، ބޮޑެތި އަލިފާންގަނޑުތައް ނިއްވާލުމަށް ބޭނުންކުރާ ފޯމް ގެންގުޅޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ވެހިކަލް މަގުމަތުގައި ޕާކުކޮށްފައި ހުރުމުން، އަލިފާން ނިއްވަން ދިޔަ ސިފައިންނަށް ދަތިތަކާ ކުރިމަތިވިކަން ސިފައިން ވަނީ ފާހަގަކޮށްފަ އެވެ. އަލިފާން ނިއްވާ އުޅަނދުތައް ވަންނަން، ގިނަ އަދަދެއްގެ ސައިކަލް ނަގައި މަގުން ޖާގަ ހަދަން ޖެހުނެވެ.