އެޗްއާރުސީއެމަށް ކޮމިޝަނަރުގެ ނުރުހުން: ހަގީގަތް އޮޅުވާލީ!

މާލޭ ޖަލުގެ ހާލަތު ދަށްވެފައި ވަނިކޮށް، ގައިދީން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު އަޅަން އެންގީ ހަގީގަތް އޮޅުވާލައިގެން ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.


ޖަލުތަކުގައި ބަންދުކުރާ ގައިދީންގެ އިންސާނީ ހައްގުތައް ގެއްލިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުށަހެޅި ގިނަ ޝަކުވާތައް ނުބެލި ކަމުގެ ފާޑުކިޔުން އަމާޒުވެފައިވާ އެޗްއާރުސީއެމުން އިއްޔެ ވަނީ ކަރެކްޝަނަލް ސާވިސް އަށް އެންގުމެއް އަންގައިފަ އެވެ. މާލޭ ޖަލަށް ޒިޔާރަތްކުރުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލުގެ އެނެކްސްގެ ހާލަތު ދަށްވެފައި ވަނިކޮށް، އެތަނުގައި 25 ގައިދީއަކުން ގެންގުޅެފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން އިއްޔެ އެންގީ 48 ގަޑި އިރުގެ ތެރޭގައި ގައިދީން ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށެވެ.

އެޗްއާރުސީއެމުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި.

މިގޮތަށް އަންގައި އެޗްއާރުސީއެމުން ބަޔާން ނެރުނީ ހަގީގަތް އޮޅުވައިލީ ކަަމަށް ވިދާޅުވެ، ޕްރިޒަންސް ކޮމިޝަނަރު ވަނީ އެ ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ޓުވިޓާގައި ވިދާޅުވީ، ގައިދީންގެ ހައްގުތައް ކަށަވަރު ކޮށްދީ ޖަލުގެ ކަންކަން އިސްލާހު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި މަސައްކަތް ހިނގަމުން ދަނިކޮށް، އެޗްއާރުސީއެމުން ރައްޔިތުންނަށް ކަންކަން އޮޅުވައިލީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުނާޒް ވިދާޅުވި ގޮތުގައި ކޯޓަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނައި ގައިދީންތަކެއް މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ އެވެ. އެ ވާހަކަ އެޗްއާރުސީއެމަށް އެންގި ކަމަށް މުނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރުސީއެމުން ފާހަގަކުރި ތަނަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއް ނޫން ކަަމަށް ވިޔަސް ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް އެތަން ބޭނުން ނުކުރާ ކަމަށެވެ.

"ނަމަވެސް އެކި ބޭނުންތަކަށް ހެނދުނު މާލެ ގެންނަ މީހުން މެންދުރު ފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރުސީއެމްގެ ބޭފުޅުންނަށް ކުރިން ވެސް އެނގޭނެ،" މުނާޒް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޖަލުތަކުގެ ހާލަތު ގޯސްކަމަށް ކުރި ތުހުމަތާ އެކު ވަނީ މިނިވަން އޮޑިޓެއް ހަދައިފަ އެވެ. ގައިދީންގެ އިންސާނީ ހައްގުތައް ގެއްލޭ ފަދަ ގިނަ ކަންކަން ޖަލުތަކުގައި ހިނގާ ކަމަށް ބުނެ ގިނަ ކަންކަން އިސްލާހު ކުރަން އެ އޮޑިޓުގައި ލަފާދީފައިވެ އެވެ. އެކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އެ އޮޑިޓާ އެއްގޮތަށް އިސްލާހުކުރާ ކަންކަން އަދި އާއްމެއް ނުކުރެ އެވެ.