އަޒީމާ ހެކިބަސް ދޭން ބޭނުމެއް ނުވި، އަޑުއެހުންތައް ނިމުމަކާ ގާތަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރާ މައްސަލާގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ހެކިބަސް ދެއްވަން ބޭނުންނުވާ ކަމަށް ކޯޓަށް އަންގަވައިފި އެވެ. އަދި އެ މައްސަލާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަޒީމާގެ ހެކިބަސް މިއަދުގެ އަޑުއެހުމުގައި ނަގަން ހަމަޖައްސާފައި އޮތަސް، އޭނާ ހެކިބަސް ދެއްވަން ބޭނުންނުވާ ކަމަށް ވިދާޅުވެ ކޯޓަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި އަޒީމާ ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރުގައި ހުންނެވުމުން ހެކިބަސް ދެއްވަން ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށެވެ. މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އަޒީމާގެ ހެކިބަސް ނުނަންގަވަން ނިންމެވި ކަމަށެވެ.

ޝަރީއަތުގައި ދެން ހިމެނޭ ހުރިހާ ހެކިންގެ ހެކިބަސް ނަގައި މިހާރު ވަނީ ނިމިފަ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގައި ދެން އޮތީ ހެކިތަކާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ.

ކިތާބީ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލާގައި ޔާމީންއާ އޭސީސީން ސުވާލުކުރި ހިސާބުން މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެއީ ޝައްކުކުރެވޭ ފައިސާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެހެންވެ އެއީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތެއް އެކަމުގައި އޮތްކަން ސާބިތުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެސްކްރޯ އެއްބަސްވުމެއް ހެދުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ގާނޫނާ ޚިލާފަށް ހޯދި ފައިސާއެއް ކަމަށް ޝައްކުކުރެވޭ ހާލަތެއް އޮތްކަން އެނގޭ ހާލަތެއްގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ބަދަލުކޮށްފައިވާ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކި ބަހާ ގުޅޭ ގޮތުން ޚުލާސާ ބަޔާނުގައި ފާހަގަކުރައްވާނެނެ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.

ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ އެސްއޯއެފް އާއި އެމްއެމްޕީއާރުސީއާ ދެމެދު ގާނޫނީ ގޮތުން ސައްހަ އެތައް މިލިއަން ޑޮލަރެއްގެ މުއާމަލާތްތައް ހިންގާފައި ހުރިކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގޭއިރު، އެސްއޯއެފްއަކީ ގާނޫނާ ޚިލާފް މުއާމަލާތްތައް ހިންގާ ކުންފުންޏެއް ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތް ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިއިރު ވެސް އެ ކުންފުނީގެ އެކައުންޓުގައި އެތައް ލައްކަ ޑޮލަރެއް ހުރިއިރު އަދި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމާ ހަމައަށް ތަފާތު އެތައް މުއާމަލާތްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށާއި އެހެންވީއިރު، ޔާމީންގެ އެކައުންޓަށް ޖަމާވީ އޭގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ކަން ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި ދައުލަތުން އެ މައްސަލާގައި ވާހަކަދައްކަނީ ހަމައެކަނި ބެލެވޭ ބެލެވުމެއްގެ މައްޗަށް އެކަނި ބިނާކޮށް ކަމަށް ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.

އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބަހައްޓަން އެދިވަޑައިގަތީ ވެސް ޔާމީން އަމިއްލަފުޅަށް ކަމަށާއި އެހެންވެ، އެކަމުން ވެސް އެނގެނީ އެމަނިކުފާނުގެ ތެދު ނިޔަތެއް އޮތްކަން ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި އެސްކްރޯ އެކައުންޓް ހުޅުވުމާ ގުޅޭ ގޮތުން އޭސީސީ އާއި ޔާމީނާ ދެމެދު އޮތް އެއްބަސްވުމަކީ އޭގެ ޒާތުގައި މަދަނީ އެއްބަސްވުމެއް ކަމަށް ވުމުން އެ އެއްބަސްވުމާ ޚިލާފްވި ކަމަށް ބެލިޔަސް، އެއީ އެކަމާ ގުޅިގެން ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން އެސްކްރޯ އެއްބަސްވުމުގެ ދަށުން، އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަން ނުވަތަ ނޫންކަން ކަނޑައަޅަން އޭސީސީގެ މައްޗަށް ލާޒިމްވާއިރު އެއާ މެދު އޭސީސީން މިހާތަނަށް ވެސް ގޮތެއް ނިންމާފައި ނެތް ކަން ވަކީލުން ފާހަގަކުރެއްވި އެވެ. އެހެންވެ، އޭސީސީން އެކަމުގައި ގޮތެއް ނުނިންމަނީސް، އެ ފައިސާއާ ގުޅޭ ގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ފައިސާގެ އަސްލު އޮޅުވާލަން ކަމެއް ނުކުރަން، އަމަލުކުރީ ތެދު ނިޔަތުގައި

އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާއިރު އެސްއޯއެފްއަކީ މަނީ ލޯންޑްރިންގެ މުއާމަލާތްތައް ހިންގާ ފަރާތެއް ކަން ދައުލަތަށް އެއްވެސް ގޮތަކަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށެވެ. އަދި ފައިސާ ޖަމާވުމުން އެހެން އެއްވެސް މީހެއްގެ އެކައުންޓަކަށް ފައިސާ ބަދަލުކޮށް ނުވަތަ ފައިސާ ދެއްވާފައި ނުވާނެ ކަމަށާއި ހަމައެކަނި ބަދަލުކުރީ އެމަނިކުފާނުގެ ދެވަނަ އެކައުންޓަކަށް ކަމަށާއި އެ ފައިސާގެ އަސްލު އޮޅުވާލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކަމުގައި އަމަލު ކުރެއްވީ ގޯސް އެއްވެސް ނިޔަތެއް ނެތި، ތެދު ނިޔަތުގައި ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން ވެސް އެދިވަޑައިގަތީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ. އަދި އެސްއޯއެފް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުގެ ކުރިން ވެސް، އެ ކުންފުނީގެ އެކައުންޓްގައި އެތައް ލައްކަ ޑޮލަރެއް ހުރި ކަން އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުން އެނގޭއިރު، އެ ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީން ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސްގެ މަގާމުގައި ހުންނެވި އިރު އެކަމާ ގުޅޭ ގޮތުން އޭސީސީން ރައީސް އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށް ބުނާތީ ރައީސް އޮފީހުގެ ލޮގްތައް ހޯއްދަވަން ރައީސް އޮފީހުގައި އެދިވަޑައިގެންފައިވާނެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ފޯރުކޮށް ދީފައި ނެތް ކަމަށް ވިދާޅުވި އެވެ.

އަޑުއެހުންތައް ނިމުމަކާ ގާތަށް

ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ހެކިބަސް ދޭން މަޖުބޫރުކުރި ކަމަށް ވިދާޅުވެ، ހެކިބަސް ދޭން ދެކޮޅުހައްދަވާފައި ވާތީ އޭނާ ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ ރެކޯޑިން ބެލުމަށް ދައުލަތުން ކުރިން ވަނީ އެދިފަ އެވެ.

އިސް ގާޒީ މިއަދު ވަނީ އެ ވީޑިއޯ ބަލަން ނިންމައިި، ދެ ފަރާތަށް ވެސް ކޯޓުގައި އެ ވީޑިއޯ ބެލޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ދެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާތީ އެ މައްސަލާގައި ދެން އޮންނާނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލުމެވެ.

ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ މަހުގެ ކުރީކޮޅު ބާއްވާނެ ކަން އިސް ގާޒީ ހައިލަމް އިއުލާން ކުރެއްވި އެވެ. އޭގެ ފަހުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، އޮންނާނީ ހުކުމް އިއްވުމެވެ.