އީއައިއޭ ނުހަދައި ފަސް ރަށެއްގައި އިންޖީނު ބެހެއްޓުމުން ފެނަކަ ޖޫރިމަނާކޮށްފި

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދައާ ނުލައި، ފަސް ރަށެއްގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރުމުން ހަ ލައްކަ ރުފިޔާ އިން ފެނަކަ ކޯޕަރޭޝަން މިއަދު ޖޫރިމަނާކޮށްފި އެވެ.


އެ އިދާރާ އިން ފެނަކަ ޖޫރިމަނާކުރީ، ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަން ހަދާ އެސެސްމަންޓު (އީއައިއޭ) ނުހަދާ ހއ. ތަކަންދު އާއި ހދ. ފިނޭ އާއި ނ. ހެނބަދު އާއި ނ. މާޅެންދޫ އަދި ބ. ކެންދޫގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރުމުންނެވެ.

ޖޫރިމަނާ ފައިސާ ދައްކަން ފެނަކަ އަށް ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ފެނަކަ އިން ކުރިއަށް ގެންދިޔަ މި މަޝްރޫއުތަކުގެ މައުލޫމާތު އެ ކުންފުނިން އީޕީއޭ އަށް މި އަހަރުގެ ކުރީ ކޮޅު ހިއްސާކުރި ކަމަށް އެތަނުން ބުންޏެވެ.

އެ ފަސް ރަށުގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފެނަކަ އިން ކޮށްފައި ވަނީ އީއައިއޭ ނުހަދާ ކަމަށް އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު އެއްބަސްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ގަވާއިދާ ހިލާފަށް މާލޭގެ ބިމު އަޑިން ފެން ނެގި މައްސަލައަކާ ގުޅިގެން އީޕީއޭ އިން ވަނި ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ މިދިިޔަ އަހަރު ޖޫރިމަނާ ކޮށްފަ އެވެ. އެ ދެ ތަން ޖޫރިމަނާ ކޮށްފައި ވަނީ 100،000ރ. އިންނެވެ.