އެހެރަ ފެންނަނީ ކޮޅަށް ޖަހާފައި ހުރި ރޮކެޓެކެވެ. ކިޔަނީ "ސްޓާޝިޕް" އެވެ. އުފައްދަނީ "ސްޕޭސްއެކްސް"އޭ ކިޔާ އެމެރިކާ ކުންފުންޏަކުންނެވެ. ބޭނުމަކީ ހަނދަށް އަދި މާސްް އަށް އިންސާނުން އުފުލުމެވެ.
ސްޓާޝިޕްގެ އިސްކޮޅުގައި 165 ފޫޓު (50 މީޓަރު) ހުރެ އެވެ. ބަރުދަނަކީ 1،400 ޓަނެވެ. އެއީ ތެޔޮ އަޅައި ބަރުކޮށްފައި ހުންނައިރެވެ. ސްޓާޝިޕް އުފައްދަނީ ޖައްވަށް ގޮސް އެނބުރި އާދެވޭ ގޮތަށެވެ. އަދި އޭގެ އިންޖީނުތައް ވެސް ތަކުރާރުކޮށް ބޭނުންކުރެވޭ ގޮތަށެވެ. މިއީ މިހާތަށް އުފެއްދި އެންމެ ބޮޑު އަދި ބާރުގަދަ ރޮކެޓަށް ވާނެ ކަމަށް ބުނެވެ އެވެ.
އިންސާނުން ހަނދަށް އަދި މާސް އަށް ފޮނުވުމަކީ، ސްޕޭސްއެކްސްގެ ވެރިޔާ، އީލޮން މަސްކް، ވަަރަށް ކުރާ ހިތުން އުޅޭ ކަމެކެވެ. އެއީ ފަހަރެއްގައި ކުޑައިރުގެ ހުވަފެނަކަށް ވެސް ވެދާނެ އެވެ.
ސްޓާޝިޕް ކޮޅަށް ޖަހާފައި އެ ހުރީ މުޅިން މަސައްކަތް ނިންމާފައެއް ނޫނެވެ. އީލޮން މަސްކް ބުނާ ގޮތުގައި، ކުރި އަށް ދެތިން މަސްދުވަހުގެ ތެރޭގައި، ރޮކެޓް ޓެސްތްކުރެވޭ ވަރު ވާނެ އެވެ. އަދި އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އުޅަނދުގެ ފުރަތަމަ ދަތުރު ފުރިހަމަކުރާނެ އެވެ. އެއީ 12 މޭލު އުހަށް އަރައި، ސަލާމަތުން އެނބުރި އައުމެވެ.