ޖަވާދު މުހައްމަދު ނުވަތަ ޖަވާގެ ތަފާތު ދެ ހުނަރަކީ ބޯކޮށުމާއި ފޮޓޯގްރެފީ އެވެ. މިކަންކަމަށް ޝައުގުވެރިވެ، މަސައްކަތް ފެށީ އޭނާ ސްކޫލްގައި އުޅުނުއިރު އެވެ. ދެ ކަން ވެސް ކުރަން ފެށީ އެކު އެކީގަ އެވެ. އުމުރުން 24 އަހަރުގެ މި ޒުވާނާގެ އުފަން ރަށް، ށ.ފުނަދޫގައި މިހާރު އަމިއްލަ ސެލޫނެއް ވެސް ހިންގަ އެވެ. އަދި އިތުރު މަސައްކަތެއްގެ ގޮތުގައި ފޮޓޯގްރެފީގެ މަސައްކަތް ވެސް ކުރެ އެވެ.

ޖަވާގެ އަމިއްލަ ސެލޫން ހުޅުވުމުގެ ދުވަސްކޮޅެއް ކުރީގެ ހަނދާނަކުން ފަށާނަމެވެ؛

ޖަވާ ސެލޫންގައި؛ ސްކޫލްގައި އުޅުނުއިރު ރައްޓެހިންނަށް ކޮށްދޭން ފެށި މި ކަމަކީ މިހާރު އޭނާ އާމްދަނީ ހޯދަން ކުރާ އެއް މަސައްކަތް.
ޖަވާ ސެލޫންގައި؛ ސްކޫލްގައި އުޅުނުއިރު ރައްޓެހިންނަށް ކޮށްދޭން ފެށި މި ކަމަކީ މިހާރު އޭނާ އާމްދަނީ ހޯދަން ކުރާ އެއް މަސައްކަތް.

ރަށުގައި ގެޓްސްބައި ހެއާ ވެކްސްގެ މަގުބޫލުކަން އިތުރުވި ދުވަސްކޮޅެކެވެ. ޖަވާ ވެސް މީގެ ވެކްސް ދަޅެއް ގަނެގެން އޭނާގެ އިސްތަށިގަނޑު ގޮތް ގޮތަށް ހަދަން ފެށި އެވެ. މޮޅެތި ސްޕައިކްތައް ޖައްސާލާފައި ހުންނަތަން ފެނުމުން އޭނާގެ ރައްޓެހިން ވެސް އެގޮތަށް އިސްތަށިގަނޑު ސްޓައިލްކޮށްލަދޭން އެދުނެވެ. އެ ހިސާބިން ޖަވާ ވީ އެ އެކުވެރިންގެ ހެއާ ސްޓައިލިސްޓަކަށެވެ.

އެކަމަކު ބޯކޮށުމަށް ޖަވާ ޝައުގުވެރިވީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ކަތުރު ގެންގުޅޭށާއި ރޭޒަރު ގެންގުޅުން ކަހަލަ، ބޯކޮށުމުގެ ކަންކަން ބައްޕަ ގާތުން ދަސްކުރި އެވެ. ސްކޫލްގައި އުޅުނުއިރު، ރައްޓެހިންގެ ބޯ ކޮށައިދީ އުޅުނެވެ. އޭރު އެ މަސައްކަތް ކޮށްދިނީ ވަލުތެރެއަށް ގޮސް ނުވަތަ އެ ނޫން ވެސް ގެއިން ބޭރު ތަނެއްގަ އެވެ.

"އަބަދު އެހެން ތަންތަނަށް މީހުންގެ ބޯކޮށައިދޭން ދުވާތީ ބައްޕަ ޓްރިމަރަކާއި އެއްޗެހި ގަނެދީފައި ބުނެފި، ގޭގައި ކުރާށޭ ތި މަސައްކަތް. ތަންތަނަށް ދުވާނެ ކަމެއް ނެތޭ،" އެހިސާބުން ގޭގައި ގޮނޑިއެއް ބަހައްޓައިގެން އެ މަސައްކަތް ކުރަން ފެށި އެވެ. މެންދުރު ސްކޫލް ނިންމާފައި ދާ ގޮތަށް ގިނަ ދުވަސް ދުވަހު ޖަވާ އުޅުނީ މިކަމުގަ އެވެ.

މި ކަމަށް ޖަވާގެ ހުރި ޝައުގުވެރިކަން ފެނި އޭނާގެ ބައްޕަ އަނެއްކާ ވެސް މިކަން ކުރަން އޭނާއަށް އިތުރު ފަސޭހަ ގޮތްތައް ހޯދައިދިނެވެ.

ޖަވާ ސެލޫންގައި މީހެއްގެ އިސްތަށިގަނޑު ސްޓައިލްކޮށްދެނީ؛ މިކަމަށް އޭނާ ޝައުގުވެރިވީ ބައްޕަގެ ފަރާތުން.
ޖަވާ ސެލޫންގައި މީހެއްގެ އިސްތަށިގަނޑު ސްޓައިލްކޮށްދެނީ؛ މިކަމަށް އޭނާ ޝައުގުވެރިވީ ބައްޕަގެ ފަރާތުން.

"'ފަހުންފަހުން އައިސް ބައްޕަ ކިޔައިފި ތިއީ ރަނގަޅު ކަމެއްނުންހޭ ކުރަން. އެހެން ކިޔާފައި ގޭގައި ޓިނުން ހަޓެއް ކަހަލަ ތަނެއް ހެދީ،" އެއީ ޖަވާ ބޯކޮށާށައި އޭނާގެ ބޭބެ ބައިސްކަލު ހަދަން، ދެ މީހުންނަށް ބައްޕަ ހަދައިދިން ކުޑަ ތަންކޮޅެއް ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ފަހުން ވީގޮތަކީ ހަޓުގައި ބޯކޮށަން ހޭދަކުރަންޖެހޭ ވަގުތު ގިނަވުމުން، ޖަވާގެ ބޭބެ އޭނާ އަށް އެތަން އެއްކޮށް ދިނީ އެވެ. މިހާރު ސެލޫން ހަދާފައި ހުންނަނީ އެތަނުގަ އެވެ. ބައްޕަގެ އެހީއާއެކު އަދި ބޯކޮށައިގެން ލިބުނު ފައިސާއިން ރަނގަޅު ފެންވަރެއްގައި ސެލޫން ހަދައި ހުޅުވީ ޖަވާ ސްކޫލް ނިމުނު އަހަރު އެވެ.

ފޮޓޯގްރެފީގެ ތެރެއަށް ވެސް ޖަވާ އަށް ވަދެވުނީ ހަމަ އެ ދުވަސްވަރު އެވެ. ފޮޓޯ ނަގާ ފޯނެއް ވެސް ފުރަތަމަ ގަތީ ބޯ ކޮށައިގެން ލިބުނު ފައިސާއިންނެވެ. އޭގެ ކުރިން ރައްޓެއްސެއްގެ ކެމެރާއަކުން ފޮޓޯ ނަގައި އުޅުނެވެ. އޭރު ޖަވާ އެންމެ ޝައުގުވެރިކަން ހުންނަނީ ކުދިކުދި އެއްޗެހީގެ ކްލޯޒްއަޕް ފޮޓޯތައް ނެގުމަށެވެ.

"އޭރު ގޭގައި ގެންގުޅޭ ބޭރުން ގެނެސްފައި ހުންނަ ކޯރު މަސް އެއްޗެހި. މި ކަހަލަ ކުދިކުދި އެއްޗެހީގެ ފޮޓޯނަގަން ފުރަތަމަ ފެށީ،" ރައްޓެހިންގެ އަތުގައި އޮންނަ މެކްރޯ ލެންސެއް ފޯނުގެ ކެމެރާއާ ގުޅައިގެން އެ ކަހަލަ ފޮޓޯތައް ނެގި އެވެ. އެކަމަކު އަމިއްލަ އަތުގައި އޭގެ ލެންސެއް ނެތުމުން ޖަވާ ކުރި ކަމަކީ ބޮޑުވާ ބިއްލޫރިކޮޅެއް ކެމެރާއާ ކައިރިކޮށްގެން ފޮޓޯ ނެގީ އެވެ.

ޖަވާ ވެޑިން ފޮޓޯ ޝޫޓެއްގައި؛ އޭނާ އެންމެ ނަގާހިތްވަނީ އެކި އެއްޗެހީގެ ކްލޯޒްއަޕް ފޮޓޯތައް.
ޖަވާ ވެޑިން ފޮޓޯ ޝޫޓެއްގައި؛ އޭނާ އެންމެ ނަގާހިތްވަނީ އެކި އެއްޗެހީގެ ކްލޯޒްއަޕް ފޮޓޯތައް.

ބޯކޮށާއިގެން ލިބޭ ފައިސާ އެއްކޮށްގެން ފަހުން ރަނގަޅު ކެމެރާއެއް ވެސް ގަތެވެ. ބޮޑަށް މިކަމުގެ ތެރެއަށް ވަދެ، އެއްޗެހި ދަސްކުރި އެވެ. ކެމެރާ ގެންގުޅޭ ރައްޓެހިން ގާތުންނާއި އަމިއްލައަށް ޔޫޓިއުބް ވީޑިއޯ ބަލައިގެން އަދި ފަހުން ކޯހެއް ހަދައިގެން ވެސް މީގެ ޓެކްނީކްސްތައް ދަސްކުރި އެވެ. އަމިއްލަ ޝައުގުވެރިކަން ހުންނަ އެއްޗެހީގެ ފޮޓޯ ނެގުމުގެ އިތުރުން، ވެޑިން އަދި އައުޓްޑޯ ފޮޓޯ ޝޫޓްތައް ވެސް މިހާރު ނަގައިދެ އެވެ.

މި ދެ ހުނަރުގެ އިތުރުން ޖަވާގެ އަދި އިތުރު ހުނަރެއްގެ ވާހަކަ ވެސް ނުދެއްކި އެބަ އޮތެވެ. ކުރެހުމަކީ ވެސް އޭނާ ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެކަމަކު މިހާރު ކުރެހުމަށް ވުރެ ބޮޑަށް އުޅެނީ މި ދެ ކަމުގަ އެވެ. ޖަވާއާޓްސްގެ ނަމުގައި އިންސްޓަގްރާމްގައި އޭނާ ހެދި ފުރަތަމަ ޕޭޖަށް ވެސް އެޅީ އޭނާގެ ކުރެހުންތަކެވެ. އެކަމަކު މިހާރު އެ ޕޭޖު އޭނާ ބޭނުންކުރަނީ ޕްރޮފެޝަނަލް ފޮޓޯގްރެފީގެ މަސައްކަތަށެވެ.

"އަސްލު ފޮޓޯ ނަގަން ފެށީމަ ކުރެހުން ދޫކޮށްލީ،" ކޮންމެ ދުވަހެއްގެ ހަވީރު ޖަވާ ވަގުތު ހުސްކުރަނީ ފޮޓޯ ނަގާށެވެ. ސެލޫން ހިންގަނީ ހެނދުނާއި މެންދުރު އަދި ރޭގަނޑު އެވެ.

ރަށުގެ އެކި އުމުރުފުރާގެ މީހުންގެ ބޯކޮށައިދޭއިރު، ކުރިން ބައްޕަ ގާތަށް ބޯކޮށަން ދިޔަ މީހުން ވެސް މިހާރު ދަނީ ޖަވާ ގާތަށެވެ.

"ޓެލެންޓެއް ހުރިއްޔާ އެކަމެއް ކުރަންވާނެ. ދެން އޮންނަނީ ކުރާ ހިތުން އެކަމެއް ކުރުން،" ސްކޫލްގައި އުޅުނުއިރު އެންމެ ރަނގަޅަށް ނުކިޔެވުނު ކަމަށް ޖަވާ ބުންޏެވެ. އެކަމަކު ރަނގަޅަށް ނުކިޔެވުނު ނަމަވެސް، ހިތްވަރު އެލުވާނުލައި މީހާއަށް ލިބިފައި ހުރި ހުނަރު ކުރިއެރުވޭތޯ އުޅުމަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ދެކެ އެވެ. މި ހުރިހާ ކަމެއްގައި ވެސް ޖަވާގެ އެންމެ ބޮޑު އެހީތެރިޔަކަށްވީ ބައްޕަ އެވެ.