އެމްޑީއެންގެ މެމްބަރުން ސަރުކާރުން ވަކިކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާތީ އެ ޖަމިއްޔާގައި މެމްބަރުންގެ ގޮތުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.


ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ 35 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ބަލައިގަންނަން ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން ނިޒާމީ މައްސަލައެއް ނަންގަވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޝިޔާމް ހުށަހަޅުއްވާ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދަށް ނުފެތޭ، ގަވައިދާ ހިލާފަށް ހުށަހަޅުއްވާ މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ އެ ދައުރެއްގައި ބަހުސް ކޮށްފައިވާ މައްސަލައެއް އަލުން އުފަން ކުރުމަށް މައްސަލައެއް ހުށަނޭޅޭނެ ކަން ގަވާއިދުގައި ބުނާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާޒިމް އެގޮތަށް ވިދާޅުވި އިރު، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ތިން ގަޑިއިރުގެ ބަހުސެއް ހިނގި އެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން އެ މައްސަލާގައި ބަހުސް ކުރުމާ މެދު މެންބަރުން ގޮތެއް ނިންމުމަށް ވޯޓަކަށް ދާން ޖެހޭ ކަމަށެވެ. ކުއްލި މައްސަލައަކީ ގަވާއިދާ ހިލާފަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް މެންބަރަކަށް ފެނިވަޑައިގަންނަވާ ނަމަ އެ ގޮތުގެ މަތިން ވޯޓު ދެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، މެމްބަރުންނަށް ފެނިވަޑައިގަތީ އެ މައްސަލަ އަށް ބަހުސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ހިމަނާ އަދި އެ ރިޕޯޓްގައި އިސްލާމް ދީނާއި ރަސޫލާ އަށް ތަައުހީނުވާ ފަދަ ވާހަކަތައް ހިމަނާފައިވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކޮށްފައިވާ އިރު، އެ ޖަމިއްޔާ ހިންގުމުގައި ބައިވެރިވަމުންދާ ގިނަ ބަޔަކު ތަފާތު މަގާމުތަކަށް އައްޔަންކޮށްފައި ތިބުމުން އެ މީހުން ސަރުކާރުގައި ތިބެގެން އިސްލާމްދީނަށް ފުރައްސާރަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެފަދަ ބަޔަކު ދައުލަތުގެ އިސް މަގާމުތަކުގައި ތިބުމަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅި އިސްލާމީ ވަހްދަތާއި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި ގައުމުގައި ހިލާފުތައް އުފެދި ބާތިލް ފިކުރުތައް ރާއްޖޭގައި ފެތުރުމަށް މަގިފަހިވެ ގައުމުގެ ސަލާމަތައް ނުރައްކާވާނެ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރައްވާ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވި އިރު، އެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ނޫޝިން ވަހީދު ހުންނެވީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ. އޭނާ އެ ޖަމިއްޔާ އިން އިސްތިއުފާ ދެއްވީ ރިޕޯޓާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުންނެވެ.