އެމްޑީއެންގެ ވާހަކަ ދައްކަނީ ހަނގުރާމަ އަށް މީހުން ފޮނުވާ މީހުން: ނަޝީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ވާހަކަ "ހަރު އަޑުން" ދައްކައި ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލަނީ ހަނގުރާމަ އަށް ސީރިއާ އަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވިފައިވާ ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދުގެ ވާހަކަ އެގޮތަށް އައީ، ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީއާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައިރު، އެމްޑީއެންއާ މެދުގައި ފިޔަވަޅު އެޅުން ލަސްވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވުމުންނެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ސަރުކާރާއި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރިޕޯޓުގައި ހުރި އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް ކުށްވެރިކޮށްފައިވާ ކަމަށެވެ. އެއީ "މިވަގުތު ނުކުތް" ރިޕޯޓެއް ނޫން ކަމަށާއި ރިޕޯޓު ނުކުތީ 2014 ގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ރިޕޯޓުގައިވޭ އެހެން ވާހަކަތަކެއް، އެއްގޮތަކަށް ވެސް ފާހަގަ ނުކުރެވޭ. އެއީ ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ،" ނަޝީދު ވިދާޅުވި އެވެ.

ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބައެއް ކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމްޑީއެންގެ ރިޕޯޓަކީ "އެވެނި، މިވެނި" ރިޕޯޓެއް ކަމަށް ބުނެ އެންމެ ހަރު އަޑުން ވާހަކަ ދައްކަނީ އެ ރިޕޯޓުގައި ސީރިއާ އަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވި، އިނގިލި ދިއްކުރެވިފައިވާ މީހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވެ ވެގެން އުޅޭ ގޮތަކީ ރިޕޯޓުގައި އޮތް އަސްލު، އަސާސީ ވާހަކަ ގެއްލިދަނީ. ރިޕޯޓުން ނުކުންނަނީ ސަރުކާރަށް ހަމަލާއެއްގެ ގޮތުގައި ނެގޭނެ ހަތިޔާރެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ފަހު، އޭނާ ވަނީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ބައެއް ކަން ކަން ވިދާޅުވެފަ އެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން "ލޭ ހުއްދަ" ކުރަން ގޮވާލަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ފެންނަނީ މުޒާހަރާތައް ރާވައި ހިންގަމުން ދަނީ އެއް ބައެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީއެންގެ ވާހަކަ ނަގައިގެން ދައްކަނީ ސީރިއާ އަށް ހަނގުރާމަ އަށް ފޮނުވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިއެފައިވާ ރިޕޯޓެއް އެމްޑީއެން އިން ނެރުމުން އެ ޖަމިއްޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައި، އެ ރިޕޯޓު ލިޔުނު މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މިއީ 2014 ގައި ނެރުނު ރިޕޯޓެއް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިހާރު އޮތް ފުލް ރިޕޯޓް ނެރެފައި ވަނީ ދާދި ފަހުން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓް ލިއުނު އެންމެން މިހާރު ތިބީ ރާއްޖެ އިން ބޭރުގަ އެވެ.

މަޖިލިހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެމްޑީއެން "މަތަ" ކުރަންވީމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވެރިން ތިއްބަވަނީ ފިއްލަވައިގެން ކަމަށެވެ. އަދި އެމްޑީއެން ގައުމުން ފޮހެނުލެވިގެން އުޅެނީ ކީއްވެތޯ ޝިޔާމް ވަނީ ބަހުސްގައި ސުވާލު އުފައްދަވައިފަ އެވެ.

"ކޮން ކަހަލަ ނުކުޅެދޭ ސަރުކާރެއްތޯ މިއީ؟ ދިވެހި ރައްޔިތުން އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުން އެ ދަނީ. ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ތަހުގީގު ކުރަނީ އޭ ކިޔަނީ. ތަހުގީގު ކުރާނެ އެއްޗެއް މިއަކު ނޯންނާނެ،" އެމްޑީއެންގެ ވެރިންނަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި "ޖާއިޒު" ވާހަކަތަކެއް ނެތެވެ. އަދި މިއަދު ފެންނަނީ އެމްޑީއެން ރިޕޯޓާ ދެކޮޅަށް އިހްތިޖާޖު ކުރާ މީހުން ކުށްވެރިވާ ތަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެމްޑީއެންއާ ބެހޭ ގޮތުން އެއްޗެއް ބުނާ މީހުން ކުށްވެރިވެ ތަންތަނަށް ހާޒިރު ކުރާ ތަން މި ފެންނަނީ. މިއީ ހިތާމަ ހުރި ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އާއްމުކުރި ރިޕޯޓުގައި، ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.