މީހުން މަރަން ގޮވާއިރު އިމްރާން ފިޔަވަޅު ނާޅާތީ ނަޝީދުގެ ނުރުހުން!

ރާއްޖޭގައި ފަހަކަށް އައިސް ބާއްވާ އެއްވުންތަކުގައި މީހުން މަރަން ގޮވަމުންދާ އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް ރަށްރަށުގައި ހަފްތާ ބަންދާ ދިމާކޮށް އެއްވުންތައް ވަނީ ބާއްވަން ފަށައިފަ އެވެ. އަދި އެ ޖަމިއްޔާ އުވާލައި، އެތަނުގެ ވެރިންނަށް ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ.

ރާއްޖޭގެ ރަށެއްގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެއްވުމެއްގައި ވަނީ އެމްޑީއެންގެ މެމްބަރުން މަރަން ގޮވާލައި، އެ މީހުންނަށް މަރުގެ އަދަބު ދޭން ގޮވާލައިފަ އެވެ. އަދި އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިފަދަ ގޮވާލުންތަކާ ގުޅިގެން، ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ އިމްރާން ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގަ އެވެ. އަދި ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި ބައެއް މެމްބަރުން ވަނީ އެކަމުގައި ހޯމް މިނިސްޓްރީން އެކަން ނުހުއްޓުވާތީ އެ މިނިސްޓްރީގެ ވެރިންނަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ތިއްބަވާ އެ ގްރޫޕްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލައި މީހުން މެރުމަށް ހިތްވަރު ދޭއިރު، މިނިސްޓަރު އިމްރާނާއި ހޯމް މިނިސްޓްރީގެ ވެރިންގެ އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ ގްރޫޕްގައި ދޭތެރެދޭތެރެ އިން ވަޒީރުންނާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ މީހުން މަރަން ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެކަމުގައި ހަލުވި ފިޔަވަޅުތަކެއް އަޅައި އެކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރާ މީހުން އެބަ ޖެހޭ ބަންދު ކުރަން،" މަޖިލިހުގެ މެޖޯރިޓީ ލީޑަރު އާޒިމް ވިދާޅުވި އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލާގައި ސަރުކާރުން މިހާރު ވަނީ އެމްޑީއެން ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ކަމާ ބެހޭ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ މަސައްކަތް އެ އިދާރާ އިން ވަނީ ފަށައިފަ އެވެ. ނަމަވެސް ރިޕޯޓު ލިޔުނު މީހުން ރާއްޖޭގައި ނޫޅޭ ކަމަށް އެނގިފައި ވެ އެވެ. އޭގެ ތެރެއިން އެކަކު ހޯދަން ފުލުސް އޮފީހުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އެކަމަކު ހ. ސެލްވޭޝަން، އަޒްރާ ނަސީމް 47، ހޯދަން ފުލުހުން އޭނާގެ ފޮޓޯއާ އެކު އާންމުކުރި ނަމަވެސް އޭނާ ރާއްޖެ އަކު ނޫޅެ އެވެ. އަޒްރާ އުޅޭ ތަނެއް އޭނާގެ އާއިލާ އަށް ވެސް ނޭނގޭ ކަމަށް ފުލުހުން މިއަދު ބުނެފައި ވެ އެވެ.

އެމްޑީއެން އުވައިލުމަށް ގޮވާލައި އެކި ރަށްރަށުގައި މިހާރު އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުންގެ ކަންބޮޑުވުމަކީ ރިޕޯޓުގެ މައްސަލާގައި ސަރުކާރުން ފިޔަވަޅު އެޅުން ލަސްވުމެވެ.