އިޓަލީގެ އެމްބަސީއެއް ރާއްޖޭގައި ހުރުން މުހިންމު: ޖާބިރު

އިޓަލީ އަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ބައިވެރިއަކަށް ވާތީ، އެ ގައުމުގެ އެމްބަސީއެއް ހުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވެ، އެކަން ކޮށްދިނުމަށް އިޓަލީ ސަރުކާރުގެ ކިބައިން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.


ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން އިޓަލީ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މި ދަތުރުގައި އިޓަލީ ޕާލަމެންޓްގެ ނައިބު ރައީސް އެޓޯރީ ރޮސާޓީ އާއި އެހެން އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވި ކަމަށެވެ. އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ގައުމަކަށް ވާއިރު އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މިހާރު މަދުވެފައިވާތީ ޓޫރިސްޓުން އައުން އިތުރު ކުރަން މަސައްކަތް ކުރުމާ މެދުގައި ރޮސާޓީއާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ބައްދަލުކުރިން އިޓަލީ ޕާލަމެންޓްގެ ނައިބު ރައީސާ އަދި އެ ގައުމުގެ އިސް އެހެން ބައެއް ބޭފުޅުންނާ ވެސް. އެގޮތުން ކުރި މަޝްވަރާތަކުގައި އެބޭފުޅުން އެދިވަޑައިގެންނެވި ރާއްޖޭގެ އެމްބަސީއެއް އެގައުމުގައި ހުޅުވަން މަސައްކަތް ކޮށްދޭން. އަޅުގަނޑު ދެންނެވިން ރާއްޖޭގައި އިޓަލީގެ އެމްބަސީއެއް ހުޅުވަން މަސައްކަތް ކޮށްދެއްވާށޭ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އިޓަލީގެ އިސް ބޭފުޅުންގެ ހުށަހެޅުންތަކުގެ މައުލޫމާތު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެއްވާފައިވާ ކަމަށެވެ.

އިޓަލީން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ އަގުބޮޑު ކަމެއްގެ ގޮތުގައި މަޝްހޫރުވެފައިވާތީކަން މަޝްވަރާތަކުން އެނގުނު ކަމަށާއި އެހެންވެ، ރާއްޖޭގައި ހުރި އަގުހެޔޮ ފުރުސަތުތަކުގެ މައުލޫމާތު ދެއްވާފައިވާނެ ކަަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއާ ބެހޭ މައުލޫމާތު އިޓަލީގެ ވިޔަފާރިވެރިންނަށް ވެސް ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުންނަށް އެނގިފައި މި އޮންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ ވަރަށް އަގުބޮޑު ކަމެއްގެ ގޮތުގައި. އެހެންވެ އަޅުގަނޑު ދެންނެވިން މިހާރު ރާއްޖޭގައި އަގުހެޔޮކޮށް ވެސް ޗުއްޓީ ހޭދަކޮށްލެވޭނޭ، ގެސްޓްހައުސްތައް ވެސް ކުރިއަރަމުންނޭ އަންނަނީ. ޓްރާންސްޕޯޓް ކޮސްޓް ކުޑަކުރަން ޗާޓާ ފްލައިޓްތަކެއް ބާއްވަން މަސައްކަތް ކުރުން ރަނގަޅޭ،" ޖާބިރު ވިދާޅުވި އެވެ.

ރޮސާޓީ އާއި ޖާބިރު މަޝްވަރާކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ޖުޑިޝަރީ ހަރުދަނާ ކުރުން އަދި ތިމާވެއްޓާއި އިއާދަކުރަނިވި ހަަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެ އެވެ. ރޮސާޓީ ހިމެނޭ ގޮތުން އިޓަލީ ޕާލަމެންޓްގެ ވަފުދެއް ރާއްޖެ އަށް ދަތުރެއް ކުރައްވަން ޖާބިރު ދައުވަތު ވެސް ދެއްވި އެވެ.

އިޓަލީ ބަހުން ފަރިތަކޮށް ވާހަކަ ދައްކަވާ ޖާބިރު ވަނީ އެ ގައުމުގެ ބައެއް ނޫސްތަކަށް އިންޓަވިއު ވެސް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއާ އިޓަލީއާ ދެމެދު ގުޅުން ބަދަހިކުރަން ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން އެ ގައުމަށް ވަޑައިގެންނެވީ އެއީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ބޮޑެތި މަސައްކަތްތަކެއް ކޮށްދިން ގައުމަކަށް ވާތީ ކަމަށެވެ.

މަޖިލީހަށް ކުރިމަތިލެއްވި އިރު، ޖާބިރުގެ ވައުދެއް ކަމަށްވާ ކ. ކާށިދޫ އާއި ގާފަރު ތަރައްގީ ކުރުމުގެ ޕްލޭނެއް ހެދުމަށް ވެސް އިޓަލީގެ ކުންފުންޏަކާ ވެސް އޭނާ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.