ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވެއްޖެ އެވެ.
ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް އެ ކުރެހުމުގައި ލިޔެފައި އިނދެ އެވެ.
ހައިލަމްގެ މި މެސެޖު ލީކުވެފައި މި ވަނީ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.
ކްރިމިނަލް ކޯޓްގެ ގާޒީއަކަށް ހައިލަމް އައްޔަން ކުރެއްވީ ވެސް ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.