މެސެޖާ ގުޅިގެން ހައިލަމަށް މެންބަރުންގެ ނުރުހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.


ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ.

އެ ހުރިހާ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ. އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި އިނދެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅު ރަށްރަށުން ރުއްގަސް ނަގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވުމުގެ ބަދަލުގައި ގިނަ މެމްބަރުންގެ ފާޑު ކިޔުން އަމާޒުވީ ގާޒީ ހައިލަމަށެވެ.

ހައިލަމް ދިފާއުކުރެއްވީ ހަމައެކަނި ޑީއާރުޕީގެ ލީޑަރު އަދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދެވެ.

ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--

އެމްޑީޕީގެ މެމްބަރުން ވަނީ ހައިލަމް ސަސްޕެންޑްކޮށް މައްސަލަ ބެލުމަށް ގޮވާލައްވައިފަ އެވެ. އަދި "އެންމެ މިނިޓަކަށް ވެސް ހުކުމް އިއްވުމުގެ ފުރުސަތު ހައިލަމަށް" ނުދެއްވުމަށް މެމްބަރުން ގޮވައިލެއްވި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ވެރިކަން ހިންގުމުގެ ބާރުގެ ވެރިޔާ އާއި ގާނޫނު ހަދާ މަޖިލިހުގެ ވެރިޔާގެ ކަރުގައި ޗޭނު ޖަހާފައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރަނގަޅު ހުކުމެއް އިއްވާނެ ގޮތެއް އޮތްތޯ ސުވާލު ކުރައްވައިފަ އެވެ.

ޝިފާއު އެ އިޝާރާތް ކުރެއްވީ މަނީ ލޯންޑްރިންގެ މައްސަލާގައި ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެފަދަ ފަނޑިޔާރަކަށް އިންސާފުން އަކުރެއް ވެސް ލިޔެވޭނެ ކަމަކަށް. ހުކުމެއް ކިއެއްތޯ؟ އަކުރެއްގެ ފިއްޔެއް ވެސް ނުޖެހޭނެ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ޔާމީނާ އެއްކޮޅަށް ހައިލަމް ހުކުމް ކުރައްވާފައި ރާއްޖެ އިން ބޭރު ގައުމެއްގައި ލަގްޒަރީ ދިރިއުޅުއްވުމެއް އުޅުއްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އެހެންވެ، ހައިލަމް މާދަމާ ހުކުމްކޮށްފައި ގައުމުން ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް މަޖިލިހުގެ 65 ގޮނޑި ދިނީ، އަދުލު އިންސާފު ހޯދައިނުދެވިގެން އުޅޭ ސަބަބުތައް ހޯދައި އިންސާފު ހޯދައި ދިނުމަށެވެ. އެހެންވެ، ހައިލަމް ހުކުމް ކުރެއްވުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައިލަމްގެ ނަޒާހަތްތެރިކަމާ މެދުގައި ސުވާލު އުފެދޭ ކްރިމިނަލް ކޯޓުގެ ވައިބަ ގްރޫޕްގައި ލި ޕޯސްޓަރާ އެކުގައި. ހައިލަމްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު ނުއުފައްދާ އެންމެ ރައްޔިތަކު ވެސް ނެތް،" ހައިލަމްގެ މައްސަލަ އެންމެ ފުރަތަމަ މަޖިލިހުގެ ސަމާލު ކަމަށް ގެންނެވި ޝިފާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރަނގަޅު ފަނޑިޔާރުގެއެއް ނެތި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ފަނޑިޔާރުންނަކީ ސުލޫކީ މިންގަނޑެއްގައި ތިއްބަވަން ޖެހޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރުންނަކީ ސިޔާސީ މީހުން އުޅުއްވާ ގޮތަށް އުޅުއްވަން ޖެހޭ ބައެއް ނޫން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"ފަނޑިޔާރުގެއަށް އަންނަންވީ ކޮންމެވެސް ކަހަލަ އިލްމަކާއި ކަންކަން ކުރާނެ އާންމު އުސޫލުތަކެއް އެނގިގެން،" ހައިލަމްގެ އަމަލާ މެދު ނުރުހުންވެ ހުންނަވައި ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި "ފަނޑިޔާރުގެއިން ޓިނު ނަގައިގެން" ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ އެވެ. އެކަމަކު، އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި މެމްބަރު ނަޝީދު ވިދާޅުވީ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތަށް ހުކުމްނުކޮށްފާނެތީ މަޖިލިހުގެ ތެރެއިން "ހައިލަމް ކަތިލަން" ފަށާފައިވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ މާދަމާގެ ހުކުމަށް ނުފޫޒު ފޯރުވަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް. --- ފޮޓޯ: މިހާރު

"ހިތްހަމަނުޖެހޭ ގޮތަކަށް (ހުކުމް) އައިސްފި ނަމަ، ހައިލަމް އެތަނުގައި ހުރެގެން ނުވާނެ އުސޫލުން ކަންތައްތައް ކުރަން އެ ބޭފުޅުން ބޭނުން ވަނީ،" ނަޝީދު ވިދާޅުވި އެވެ.

ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވީ ރައީސާއި ނައިބު ރައީސްގެ ކަރުގައި ޗޭނު ޖެހުން ވަރަށް "ދެރަވަރު" ކަމަށާއި ކޮންމެހެން ވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ޕޯސްޓުތަކުން އެނގެނީ ދިވެހިންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތަކެއް ނެތްކަމެވެ.

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ހައިލަމް ފޮނުއްވި އެ ކުރެހުމަކީ "ޔާމީނަށް ނަސްރު ދެއްވުމަށް" ފޮނުއްވި އެއްޗެއް ކަމަށެވެ. ހައިލަމް ފަދަ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅުއަޅައި މަޖިލިހުން ވަކިކުރުން އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ހައިލަމް އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އަދި މި ޒަމާނަކީ އެއްޗެހި އުފައްދާ ޒަމާނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެފަދަ ކަމެއް ފަނޑިޔާރަކު ކުރައްވައިފި ނަމަ، މަޖިލިހުން އެ ބޭފުޅަކު ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ހައިލަމް ފޮނުއްވި މެސެޖާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.