ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލަ އެބައޮތް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި 1،910 މައްސަލައެއް އެބަ އޮތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.


ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީ އަށް ހުށަހަޅަމުންދާތީ އެ ކޮމިޝަންގެ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ކޯޓުތަކުގައި ހުރި މައްސަލަތައް ބެލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ކޮޕީއެއް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ.

ޖޭއެސްސީން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ނުނިމި ހުރި މައްސަލަތައް ނިންމުމުގައި މަޖިލިހުގެ އެއްބާރުލުމަށް އެދިފަ އެވެ.

ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް، މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން ނަޝީދު ވިދާޅުވީ ޖޭއެސްސީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ޝަރުއީ ކޯޓުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައި އޮތް ކޮމިޝަނަށްވީ އިރު، ރާއްޖެ އަކީ "އެއްވެސް މައްސަލައެއް ނެތް" ގައުމަކަށް ހަދައި ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމަށް ބޭނުންވާކަން އަރީފްގެ ސިޓީން ސާފުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެކުލަވާލި ރިޕޯޓާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ނުނިމި ހުރި 1910 މައްސަލައިގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައަކާއި ފަސް އަހަރުވެފައިވާ 126 މައްސަލައެއް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް (ޖުލައި 2، 2017) އަމަލު ކުރަން ފެށުނު ފަހުން ކްރިމިނަލް ކޯޓުގައި 181 މައްސަލައެއް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރިޕޯޓުގައިވާ ގޮތުން ކްރިމިނަލް ކޯޓުގައި ތިއްބެވީ ނުވަ ފަނޑިޔާރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ ޝަރުތާއި ތައުލީމީ ފެންވަރާއި ތަޖުރިބާ ރިޕޯޓުގައި ފާހަގަކޮށްދީފައިވޭ. އަދި މައްސަލަތަކުގެ ތެރެއިން އެކިއެކި ފަނޑިޔާރުންގެ އަތްޕުޅުގައި އެ މައްސަލަ ހަވާލު ކުރެވިފައިވާ އަދަދު އެނގޭ. ރިޕޯޓުގައި ސާފުކޮށްދޭ ނުނިމި ހުރި މައްސަލަތަކުގެ ބާވަތް،" ނަޝީދު ވިދާޅުވި އެވެ.

ކޮމިޝަނުން ކުރި ތަހުގީގަކަށް ފަހު ރިޕޯޓު އެކުލަވާލެއްވީ ޖޭއެސްސީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި މެމްބަރު އަދި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމެވެ.

ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ 1،910 މައްސަލައިގެ ތެރެއިން އެއް ފަނޑިޔާރެއްގެ އަތުގައި 300 އަށް ވުރެ ގިނަ މައްސަލަ އެބަހުރި ކަމަށެވެ. މިހާ ގިނަ މައްސަލަތައް ނުނިމި ހުރުމުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ 10 އަހަރު ދުވަސް ވަންދެން ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލަތަކާއި ކައިވެނި ހެޔޮ ނުވާ ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.

"ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނުނިމި ކޯޓުގައި އޮތުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ޖުޑިޝަރީ ކޮމިޓީ އަށް ރިޕޯޓު ފޮނުވަން ގޮވާލައްވައި ރޮޒެއިނާ ވިދާޅުވި އެވެ.