ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ އެކު، އެ ކޯޓު ހިންގުން ގާޒީ އަލީ ރަޝީދު ހުސައިނާ ހަވާލުކޮށްފި އެވެ.


ޖުޑީޝަލް ސާވިސް ކޮޮމިޝަން (ޖޭއެސްސީ) އިން އިސްގާޒީ ހައިލަމް 60 ދުވަހަށް ވުރެ މުއްދަތު ދިގު ނުވާ ގޮތަށް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުުގައި ޗޭނު ޖަހާފައި ހުރެ އެވެ.

އަލީ ރަޝީދަކީ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ފޮޓޯ ފޮނުއްވި މައްސަލާގައި ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ހުކުމް މިއަދު މެންދުރު އިއްވަން ހަމަޖައްސާފައި ވަނިކޮށެވެ. އިސް ގާޒީ ހައިލަމް ބައްލަވަމުން ގެންދިޔަ އެ މައްސަލާގެ ހުކުމް އޭނާ ސަސްޕެންޑް ކުރުމާ އެކު ވަނީ ކެންސަލްކޮށްފަ އެވެ.

އޭނާ ސަސްޕެންޑް ކުރުމާ އެކު، ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ދެން އެ މައްސަލާގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގަންނަވާ ފަނޑިޔާރެކެވެ. އެގޮތުން އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ނިންމުން ނުވަތަ ޝަރީއަތް އަލުން ފަށަން ނިންމިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ފޮޓޯ ފޮނުއްވި މައްސަލާގައި ހައިލަމް ރޭ ވަނީ ބަޔާނެއް ނެރުއްވައި، އެކަމަކީ އޭނާއަށް ގަސްދުގައި ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލާގައި ހައިލަމް މިއަދު ހެނދުނު ޖޭއެސްސީއަށް ހާޒިރުވާން އެންގުމުން އޭނާ ހާޒިރުވެ ވަޑައިގެންފައެއް ނުވެ އެވެ. ޖޭއެސްސީން ބުނީ އޭނާ ހާޒިރުނުވީ މަގްބޫލު އުޒުރެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.