މަޖިލީހުގެ ރައީސް ޖޯކަރަކަށް ވީމާ ކަމަކު ނުދޭ: ތޯރިގް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، "ޖޯކަރަކަށް" ވީމާ ކަމުނުދާ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.


ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާ ހޫނުވެފައިވަނިކޮށް މަޖިލީހުގައި ކަށިގަނޑު ފުމުމުން ރިޔާސަތުން މިދިޔަ ހޯމަ ދުވަހު ތޯރިގަށް ވަނީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު ލިޔަން އަންގަވައިފަ އެވެ. އަދި އިއްޔެ އަޑުގަދަކުރެއްވުމުން ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން ވެސް ނަޝީދު އެންގެވި އެވެ.

އެކަމަކު ރިޔާސަތުން މި އަންގާ ތަފާތު އެންގުތައް ރިޔާސަތުން ވެސް ނަންގަވަނީ ސަމާސާއެއްގެ ގޮތުގަ އެވެ. އެއީ އެ އެންގެވުންތަކަށް އަމަލުކުރައްވާތޯ ނުބައްލަވާތީ އެވެ.

މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް އިއްޔެ މަސައްކަތް ކުރައްވަނީ.

ނަޝީދުގެ އެ އެންގެވުންތައް ގިނަ ބަޔަކަށް ޖޯކަކަށްވެ ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.

އެކަމާ ގުޅޭގޮތުން ތޯރިގް، "މިހާރު" އަށް ވިދާޅުވީ މަޖިލީހަކީ ސީރިއަސް މަސައްކަތްތަކެއް ކުރާ ތަނަކަށް ވާއިރު އެ ތަނުގެ ރައީސް ޖޯކަރަކަށް ވީމާ ކަމުނުދާ ކަމަށެވެ. އަދި މެމްބަރުން ދައްކާވާހަކަތައް މަޖިލީހުގެ ރައީސަށް "ހަޖަމް" ވާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"ބަހުސްގައި ދައްކާނީ މަޖިލީހުގެ ރައީސް އުފާވާ ކަހަލަ ވާހަކައެއް ނޫން. އެކަންކަން ޓޮލެރޭޓްވާ މީހެއް މަޖިލީހުގެ ރައީސަކަށް އިންނަން ވާނީ،" ތޯރިގް ވިދާޅުވި އެވެ.

"ދުއްވާލާނެ ކަމަށް" ވިދާޅުވެ ނަޝީދު، ތޯރިގަށް އިންޒާރު ދެއްވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ތޯރިގް ވިދާޅުވީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"މަޖިލިސް ހަތަރު ފާރު ތެރޭ ހިންގާ ކަންކަން ބޭރު ކުރީމައި ކަމަކު ނުދާނެ،" ތޯރިގް ވިދާޅުވި އެވެ.

ނަޝީދުގެ އެ އަމަލު އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ރާއްޖޭގައި ހިނގަމުންދާ ސީރިއަސް މައްސަލަތަކުގެ ފޯކަސް ބަދަލުކުރެއްވުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ނަޝީދު 19 ވަނަ މަޖިލިސް ފެށުނީއްސުރެ، ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ހިނގާ ކަންކަން މަޖިލިސް ތެރޭގައި ވެސް ހިނގާނެ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ އިރު، "މަދަރުސާގެ ކްލާސް ރޫމްގައި" އަމަލު ކުރައްވާ އުސޫލާ އެއްގޮތަށް ކަމަށާއި ތަޅުމުން ނުކުންނަވަން ޖެހޭނީ އެމަނިކުފާނަށް އިޝާރާތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.