މިއަދު ހެނދުނު ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ: އެއާޕޯޓުން މިއަދު ދެ ފަހަރަށް ކަރަންޓް ކެނޑުނު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ސެޕްޓެމްބަރ 2016 - 14:10
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން އެތަނުން މިއަދު ދެ ފަހަރަށް ކަރަންޓް ކެނޑި ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފަކު "މިހާރު" އަށް ބުނީ މިއަދު ހެނދުނު 9:45 އިން ފެށިގެން ބައިގަޑިރަށް މުޅި އެއާޕޯޓުން ކަރަންޓް ކެނޑުނު ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކަރަންޓް ކެނޑުނީ މެންދުރު 11:45 ހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.
"ދެވަނަ ފަހަރަށް ކަރަންޓް ކެނޑުނު ވަގުތު އަޅުގަނޑު ހުރީ ޓާމިނަލްގެ ތެރޭގައި. ދެވަނަ ފަހަރަށް މުޅި އެއާޕޯޓުން ކަރަންޓް ކެނޑުނުތާ ފަސްވަރަކަށް މިނެޓުން ފަހުން އަލުން ކަރަންޓް ދީފި. ނަމަވެސް މިގޮތަށް ކަރަންޓް ކެނޑުމާ ގުޅިގެން ހިދުމަތް ދިނުމަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު، މިއަދު ކުއްލިއަކަށް އެއާޕޯޓުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ އެތަނުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ޑައުންވެގެންނެވެ.
އައިއެންއައިއޭގައި ކަރަންޓް ހިދުމަތް ދިނުމަށް 11 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ.
އެމްއޭސީއެލްގެ އިސްބޭފުޅަކު މިއަދު ވިދާޅުވީ އެއާޕޯޓުން މިއަދު ދެ ފަހަރަކު ކަރަންޓް ކެނޑުނު ކަމަށެވެ. އެކަމަކު އޭގެ ސަބަބުން އެއާޕޯޓުގެ ހިދުމަތްތަކަށް ބުރޫނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހާ ގިނަ އިރަކަށް ނޫން ކަރަންޓް ދިޔައީ. އެ މައްސަލަ ވަނީ ހައްލުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވިއިރު އެތަނުގައި އާ ރަންވޭއެއް ހެދުމަށް 350 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އަދި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީ ކުރުމަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ސައުދީއަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަދު
27 September 2016
6 އެއް ޖެހިއިރުވެސް ނަދެ
ޕިއްޕަޅޭ
27 September 2016
އަޅުގަނޑަކީ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒިފެއް... ދެވަނަ ފަހަރު ދިޔަ ގޮތައް އަދިވެސް ކަރަންޓް ނާދޭ ގިނަ ހިސާބުތަކަށް.. ޔަގީނުންވެސް މެޓް އޮފީސްގައި މިވަގުތު އެއްވެސް މަސައްކަތެއް ނުކުރެވޭ. އެތަނުގައި ނުހުރޭ ބެކަޕް ކަަރަންޓް ލިބޭނެ އެއްވެސް ގޮތެއް.. އިނގިފައިވާ ގޮތުގައި އެތަނުގެ ވެރިން އެއީ ވ.ހުދުމުހުތާރު ބައެއް... މުވައްޒަފުން އަށް ބޭނުން ގޮތެއް ހަދައިގެން އުޅެނީ...
ދަންނަ
27 September 2016
އޮފިޝަލް ބުނާހެން ބުރޫނާރާ. އެކަމަކު އަދިވެސް ގިނަ ތަންތަނަށް ކަރަންޓެއް ނުލިބޭ. މީ ހަވީރު 4 ޖެހިއިރުގެ ހާލަތު
ހަމަދު
27 September 2016
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން މިއަދު މުޅި އެއަރޕޯޓް ވަނީ ނިވިދިއްލޭގޮތަށް ހަދާފަ. ނޫސްވެރިންނަށް މިހީވަނީ ނިވޭކޮންމެ ފަހަރަކު ކަރަންޓް ދަނީކަމަށް. ސާބަސް! WTD2016