ހަތަރު ފަނޑިޔާރެއްގެ މައްސަލަ އޭސީސީ އަށް

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.


އެއީ، ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެކެވެ. މި ތުހުމަތު ކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކޮށްދޭން ހުށަހަޅާފައިވާ ކަން އޭސީސީން ކަށަވަރު ކޮށްދިނެވެ.

އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ، މި ހަތަރު ފަނޑިޔާރުން މެންދުރު ފަރީއްކުޅުއްވަނީ ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް މުވައްޒަފަކު ފޮނުވައި ކާއެއްޗެހި ގެނެސްގެން ކޯޓު ތެރޭގަ އެވެ. އާއްމުކޮށް މިގޮތަށް އަމަލުކުރެއްވި ނަމަވެސް ޕެޓީ ކޭޝް އަކީ ފަނޑިޔާރުންގެ ފަރީއްކޮޅަށް ޚަރަދުކުރަން ހުންނަ ފައިސާއެއް ނޫން ކަން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ފަރީއްކުޅުއްވަން ޕެޓީ ކޭޝް އިން ހޭދަކުރުމަކީ ހުއްދަ ކަމަށް ނުވާތީ، އެ ކޯޓަށް އަލަން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ކޯޓުގެ މުވައްޒަފުންނާ ހަވަލާދީ ބުނެފައިވެ އެވެ.

"ފަނޑިޔާރުން ފަރިއްކުޅުވަން ބޭނުންވާ އެއްޗެހި ހުރި ކޮންމެ ތަނަކަށް ސުޕްރީމް ކޯޓުގެ ވޭނުގައި އެ ކޯޓުގެ މުވައްޒަފަކު ފޮނުވައިގެން އެ ތަކެތި ގެންނެވުމަކީ ވެސް ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ވަސީލަތްތަކުގެ ބޭނުން ނުހަމަ ގޮތުގައި ހިފުމެވެ،" އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދިފައި ވަނީ ކޯޓުގެ ޕެޓީ ކޭޝް، ގާނޫނާ ޚިލާފަށް ހަތަރު ފަނޑިޔާރުންގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެއްވުމާއި ކޯޓުގެ ވަސީލަތްތަކާއި މުވައްޒަފުން ފަނޑިޔާރުންގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުން ކުރައްވާ މައްސަލަ ބައްލަވައި ދެއްވުމަށެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅި އިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އަންނަނީ މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.