ވޭތުވެދިޔަ ހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާވައިގެން ހިންގި އަނިޔާވެރި ކުށްތައް އެންމެ މަދީ މި އަހަރު ކަމަށާއި ގޭންގް ކުށްތަކުގައި މީހެއްގެ ފުރާނަ މި އަހަރު ގެއްލިފައި ނުވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީތަކާއި ކުރިއަށް ހުރި މަޝްރޫއުތައް ރައްޔިތުންނާ ހިއްސާކުރައްވައިފަ އެވެ. އޭގެތެރެއިން އެމަނިކުފާނު އެންމެ ހިތްހަމަޖެހިވަޑައިގަތް އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ގޭންގް ކުށްތައް މަދުވުމެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދީފައިވަނީ ވެސް މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދޭން ކަމަށެވެ. ވޭތުވެދިޔަ ހަ އަހަރުގެ ޕޮލިސް ރެކޯޑުތަކަށް ބަލާއިރު، އެ މަންޒަރު ފެންނަން އޮތީ އުފާވެރިކޮށް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގްރޫޕް މާރާމާރީގެ އަދަދު ވެސް މިދިޔަ އަހަރަށް ވުރެން މި އަހަރު 50 ޕަސެންޓް މަދެވެ.
މިދިޔަ 6 އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާ އެކު ފާހަގަކޮށްލާނީ، ގޭންގް ކުށްތަކުގައި އެންމެ ދިވެއްސެއްގެ ފުރާނަ ވެސް މި އަހަރު ގެއްލިފައި ނުވާކަން.
ރައީސް ވިދާޅުވީ އެ ނަތީޖާ ނެރެވުނީ، ދާޚިލީ ސުލްހަ މަސަލަސްކަން ގާއިމްކުރުމުގައި ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކަކުން ކަމަށެވެ. އެކަން ފާހަގަކުރައްވައި، ފުލުހުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
މާލޭގެ މަގުތަކުގެ އަމާންކަން ދަމަަހައްޓައި ސުލްހަ ގާއިމްކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަސްކަރީ ޒިންމާގެ އިތުރުން، ގައުމުގެ އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ދިވެހި ސިފައިން އަދާކުރާ ދައުރު ވެސް އަޅުގަނޑުމެން ނުހަނު އުފަލާ އެކު ފާހަގަކުރަން. ވަކިން ހާއްސަކޮށް، މާލޭގައި ދާދި ފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނައާ ގެދޮރާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މީގެކުރިން ހިންގާފައިވާ އަނިޔާވެރި މަރުތަކުގައި އިންސާފު ހޯދައި ދެއްވަން ވެވަޑައިގަތް ވައުދު ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް މުހިއްމު މަސައްކަތްތަކެއް ކުރިއަށް އެބަދެ އެވެ.
އެގޮތުން، ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކޮށް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މި ހަފުތާ ތެރޭގައި ސަރުކާރުން އާއްމުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.