އުއްތަމަ ފަނޑިޔާރާއި އާދަމް މުހައްމަދު ވަކިކުރަން ހޯމަ ދުވަހު ވޯޓު ނަގަނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ ވޯޓު އަންނަ ހޯމަ ދުވަހު ނެގުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.


މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވައި ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފަ އެވެ. އަދި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ރަނގަޅަށް ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީން ބަލާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯ އެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި މައްސަލައިގައި ކޮމިޓީން ބަލަން ޖެހޭ ހަމަ އެކަނި ކަންތަކެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު މަޖިލިހުގައި ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ ޖޭއެސްސީގެ އިންވެސްޓިގޭޝަން ސެކްޝަނުން ތަހުގީގު ކުރުމަށް ފަހު ކަމަށެވެ. އަދި ޖުޑިޝަރީ ކޮމިޓީ އަށް ކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެ އެވެ. މި ނިންމުމާ އެކު އެ ދެ ބޭފުޅުން ވަނީ 60 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.