އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ އެވެ. އޭގެ ފަހުން، ކޮމިޓީން އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެ އެވެ. މި ނިންމުމާ އެކު އެ ދެ ބޭފުޅުން ވަނީ 60 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޮމިޝަނަށް އަންގަވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ނިންމުމުގެ އިތުރުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި، ހަތް ބޭފުޅުންނަށް ރުހުން ހޯދަން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ވަނީ ފޮނުވައިފަ އެވެ. ޕީސީބީ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.