ޑީއާރުޕީގެ ނައިބު ލީޑަރަކަށް ޖާބިރުގެ ކޮއްކޮ ޝިހާމް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނައިބު ލީޑަރަކަށް، އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކޮއްކޮ އިބްރާހިމް ޝިހާމް އައްޔަންކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޖާބިރު "މިހާރު" އަށް މިއަދު ވިދާޅުވީ ޑީއާރުޕީ އަށް މެމްބަރުން އިތުރު ކުރުމަށާއި ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން ލީޑަޝިޕަަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ވެސް އާ ބޭފުޅަކު ވަނީ އައްޔަން ކޮށްފަ އެވެ. އެީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަފީފް.

ޑީއާރުޕީގެ ނައިބު ލީޑަރު ކަމުގައި އެންމެ ފަހުން ހުންނެވީ، އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ދާދި ފަހުން، އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) އެވެ. އަދި ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވީ ޕީޕީއެމާ ދާދި ފަހުން ގުޅިވަޑައިގެންނެވި ނަހްލާ އަލީ އެވެ.

ޖާބިރު ޑީއާރުޕީގެ ލީޑަޝިޕާ ގުޅިވަޑައިގަތީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން، އޭނާ ވަނީ މާލެ އާއި ބައެއް ރަށްރަށުގައި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގަވައިފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އެ ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ އިތުރު ކުރުމެވެ.

ޑީއާރުޕީގެ ކައުންސިލުން ވަނީ އަންނަ ފެބްރުއަރީ 27-29 އަށް ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމައިފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި ޕާޓީގެ ކޮންގްރެސް ބާއްވާނީ ކާށިދޫ ނުވަތަ ގާފަރުގަ އެވެ.