އެމްއާރްއެމްގެ ތައުރީފް: ސަރުކާރުގެ މިސްރާބާއި ނަތީޖާ ރަނގަޅު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވައި ހުރިހާ ދިމާލަކުން ވެސް ފެންނަނީ ތަރައްގީ އަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.


މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކޯލިޝަން ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކޮށް ނެރުނު ބަޔާނުގައި ސިފަކޮށްދީފައިވާ ގޮތުގައި އެއް އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ނެރެދެއްވި ނަތީޖާ ރަނގަޅެވެ. މި ސަރުކާރު، އެމްއާރުއެމަށް ނިސްބަތްވުމަކީ ފަޚުރެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއާރުއެމުން ބުނިގޮތުގައި އަހަރެއްހާ ދުވަހުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްވީ ރާއްޖޭގައި ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ގާއިމްކޮށް، ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއި ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރައްވަން ރައީސް ކުރައްވާ ބުރަ މަސައްކަތްޕުޅުންނެވެ. އަދި ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް ދަމަހައްޓަވާ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކުރައްވާ މަސައްކަތްޕުޅުން ކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

"ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާ ކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގަ އެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ. "ރާއްޖެ އާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރު ވެފައިވަނިކޮށް އެ ގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. ސަރަހައްދީ ގައުމުތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަގުވާމީ ދުނިޔެ އަށް ރާއްޖެ ހުޅުވާލެއްވުމާ އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދަވައި ދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރައްވައިފަ އެވެ."

ކާމިޔާބުކަމާ އެކު ސަރުކާރު ހިންގެވުމުގައި ރައީސަށް ތާއީދާއި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ބަޔާނުގައި އެމްއާރުއެމް އިން ދީފައިވެ އެވެ.