ކޯލިޝަން ދަމަހައްޓަން ސަރުކާރާ އެކު ދެމިއޮންނާނަން: އެމްއާރްއެމް

ގައުމީ މަސްލަހަތާއި ރައްޔިތުންނަށް ޚިދުމަތް ކުރިމަގުގައި މި ސަރުކާރާ އެކު، ދެމިއޮންނާނެ ކަމަށް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، އުފެއްދެވި އެމްއާރްއެމް އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމުގައި އެ ޕާޓީން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެހެންވެ، ސަރުކާރަށް ތާއިދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި އެމްއާރްއެމުން ސަރުކާރާ އެކު އޮންނާނެ ކަމަށް ބަޔާނުގައި ވެ އެވެ.

އެމްއާރުއެމުން ބުނިގޮތުގައި، އެ ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ރާއްޖެއަކީ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމެވެ. އެކަމަށް އެންމެ މުހިންމީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށް ބުނެ އެވެ.

ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި އިންސާފު ކަށަވަރު ކުރުމާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމުގެ އިތުރަށް އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުން އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމްއާރުއެމްގެ އަސާސްތައް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ވެ އެވެ.