ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު މައުމޫން އުފަލުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ބައްދަލު ކުރައްވައިފި އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް "އެއްބަސްވެވޭ" ކަމަށާއި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް މައުމޫން ވިދާޅެއްނުވެ އެވެ.

ކޯލިޝަނަކުން އުފެދިފައިވާ މި ސަރުކާރު ދެމެހެއްޓުމަށް ރައީސް މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން އެެކަމަށް ވެސް މައުމޫން ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރައީސް އާއި މައުމޫން މިދިޔަ މަހު ވެސް ރައީސް އޮފީހުގައި ބައްދަލުކުރެއްވި އެވެ.

ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު މައުމޫން ކުރެއްވި ޓްވީޓް--

ވަރަށް ފަހުން މައުމޫން ވަނީ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމް އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވެ ވަޑައިގެންނެވި ވައުދު ފުއްދިފައި ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މި މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައުމޫންގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބުވީ ނުރަނގަޅު ނުފޫޒުތައް ފޯރުމުން ކަމަށް ވެސް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ.

ނަމަވެސް މައުމޫންގެ ސިޔާސީ ހަރަކާތްތައް ހިންގާ "އެމްއާރުއެމް" އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކުގައި ކަމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މައުމޫން ކުރިން ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކާ ހިޔާލު ތަފާތުވުން އުފެދިފައިވާއިރު ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރީ އިދިކޮޅު ފަރާތްތަކާއެކު އެވެ.