ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މިރޭ އަލުން އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހުސައިން ދެވަނަ ފަހަރަށް ޕީޕީއެމަށް ސޮއިކުރެއްވީ ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި ޖަލްސާގަ އެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާ ވިދާޅުވީ ގައުމަށްޓަކައި މަސައްކަތް ކުރާ ނަމަ ތިމާ ހުރީ ކޮން ކުލައަކަށް ތާއީދު ކޮށްގެންތޯ ބަލާކަށް ނުޖެހޭނެ ކަމަށެވެ.
"ތިމާ ހުރީ ކޮން ޕާޓީއަކަށްތޯ، ނުވަތަ ތިމާ ހުރީ ކޮން ކުލައަކަށްތޯ ބަލާކަށް ނުޖެހޭ. އެއީ އަދި ޔެލޯ ވިޔަސް، ޕިންކު ވިޔަސް އަދި ރެޑް ވިޔަސް އަދި ފެހި ވިޔަސް މެ. ބަލާލަން ޖެހެނީ ތިމާ ހުރީ ފެއްސާއި ހުދާއި ރަތުގެ ދަށުގައިތޯ. މިކަން ޔަގީން ކުރަން އެބަޖެހޭ،" ވަރަށް ގިނަ ބަޔަކު އެއްވި މި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
ހުސައިން އަކީ ކުރިން ވެސް ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުން ޔާމީނަށް ނާކާމިޔާބުވެވަޑައިގެންނެވި ހިސާބުން އެ ޕާޓީ ދޫކުރައްވައި ޔާމީނަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖުމްހޫރީ ޕާޓީ އަށް ވެސް ސޮއިކުރެއްވި އެވެ. އެކަމަކު، މި އަހަރުގެ މާޗް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ހުސައިން އިންތިހާބު ވެވަޑައިގަތީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ޕީޕީއެމާ މެދު ހިޔާލު ތަފާތުވި ދުވަސްވަރު ހުސައިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޒިންމާދާރުކަމާ އެކު ހަރަކާތްތެރިވާ މަންޒަރު ފެންނާނެ ކަމަށް ޕީޕީއެމާއި ޕީއެންސީން ބުންޏަސް އެކަން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. ފޮރުވިފައި ވަނީ މުޅިން އެހެން ކަންތައްތަކެއް ކަމަށް އޭނާ މިދިޔަ މޭ މަހު ވިދާޅުވެފައި ވެ އެވެ.