ޚަބަރު / ރާއްޖެ-އިންޑިއާ

ރާއްޖެ އިން ވެލިފުކެއް ވެސް އިންޑިއާ އަށް ލިބޭ އެއްބަސްވުމެއް ނެތް: ސަރުކާރު

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށާއި ރާއްޖެ އިން ވެލިފުކެއް ވެސް އިންޑިއާ އަށް ލިބޭ ފަދަ އެއްބަސްވުމެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ހަދާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، ޕީޕީއެމް/ޕީއެންސީން ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދާތީ، އެ ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީ އަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ދިރާސާކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމަށް ފޮރިން މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުމުން، އެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމަށް މި ކެމްޕެއިނުގެ ސަބަބުން އަސަރު ކުރާތީ އެވެ.

ވަކި ގައުމަކަށް ޖައްސައިލުމުން ލިބޭނީ ގެއްލުން

އެ ކޮމިޓީގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ސުވާލު ކުރެއްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހެދި އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ އިސްތިގްލާލަށް ގެއްލުންވެދާނެތޯ އެވެ.

"ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް އައިސްދާނެ އެއްވެސް އެގްރިމެންޓެއްގައި ރާއްޖެއިން ސޮއިކޮށްފައިވޭތޯ. އެއީ ބިމުން ވިޔަސް ފަޅުން ވިޔަސް ކަނޑުން އަދި ވައިގެ މަގުން ވެސް އަދި ރާއްޖޭގެ ވެލިފުކެއް ވެސް ރާއްޖޭގެ ބާރު ނުހިނގާ އިންޑިއާ އަށް ލިބޭ ގޮތަށް އެއްވެސް އެގްރީމަންޓެއްގައި ސޮއިކޮށްފައިވޭތޯ؟،" އަނދުން ހުސައިންގެ ސުވާލުގައި ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި ފޮރިން މިނިސްޓްރީގެ ޓީމުން ބުނީ "މިހާތަނަށް އެއްވެސް ސަރުކާރަކުން އަދި މި ސަރުކާރަކުން ވެސް ދިވެހިންނަށް ގެއްލުންވާ އެފަދަ އެއްވެސް ކޮންވެންޝަނެއްގައި ސޮއިކޮށްފައި ނެތް ކަމަށެވެ.

"އެއީ ވެލިފުކެއްގެ ޒައްރު ދޭ ގޮތަކަށް ވެސް ސޮއިކޮށްފައެއް ނެތް. އަދި ފޯސީއެއް ނުކުރެވޭ ސޮއިކުރާނެ ކަމަށް،" ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގަައި އަމަލީ ގޮތުން އުޅުއްވާ، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސުވާލަކަށް ވީ، އެ ކެމްޕެއިން ހިންގާތާ ދުވަސްތަކެއް ވެފައިވާއިރު އިންޑިއާގެ ރަސްމީ އިދާރާތަކުން އަމަލުކުރާ ގޮތާ މެދު ބަދަލުތަކެއް އައިސްފޭތޯ އެވެ. އަދި ބަޔަކު ކުރާ ކަމެއްގެ ސަބަބުން އިންޑިއާއަކީ އެ ގައުމުން ރާއްޖެ އަށް ދޭ އެހީތެރިކަން ކަނޑާލާހާ "އަގަލު ކުޑަ" ބައެއްތޯ ވެސް ޣައްސާން ސުވާލު ކުރެއްވި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، 241 ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ސުވާލުގެ ތެރޭގައި، އިންޑިއާ އައުޓް ކެމްޕެއިނަށް ތާއިދުކުރައްވާ މޭރުމަކުން ޣައްސާން ވާހަކަ ދެއްކެވި ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ މެދު އެ ގައުމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ. އަދި ބަޔަކު ރުޅި އަރުވައި، ހަސަދަވެރިކަން އުފެދޭ ގޮތަށް ކިރިޔާ ވެސް ވާހަކަ ދައްކާ ނަމަ، އެ ކަމެއް ބޮޑުވެ އެ ތަނެއްގައި އުޅޭ ބަޔަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރިމަތިވެދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަލީލް ވިދާޅުވިގޮތުގައި، "އިންޑިއާ އައުޓް" ކެމްޕެއިންގެ އެއްވެސް އަސަރެއް މި ވަގުތު ނުކުރި ނަމަވެސް ސިޔާސީ މަގްސަދެއްގައި ހިންގާ މި ކެމްޕެއިންގެ ސަބަބުން ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ.

"އެންމެ ޓްރިގާއެއް ބޭނުންވަނީ. މިކޮޅުގައި އެއްވެސް ކަހަލަ ކަމެއް އިންޑިއާ މީހަކަށް ވެއްޖެއްޔާ، ރާއްޖޭގެ އެތައް ބަޔަކު އެކޮޅުގައި ތިބިއިރު އެމީހުންނަށް ވެސް ދަތިތައް އިތުރުވާނެ. އެމީހުންގެ ކަންބޮޑުވުން އޮތްކަމަށް އެގައުމުގެ ސަރުކާރުން އޮތީ އަންގާފައި. އެއްވެސް ނުރައްކަލެއް ކުރިމަތިވުމަކީ އަޅުގަނޑުމެންގެ އިންޓްރެސްޓްގައި އޮތް ކަމެއް ނޫން،-- ފޮރިން މިނިސްޓްރީ

"އިންޑިއާ އައުޓް" ހަރަކާތުގެ އިސް ސަފުން ފެންނަ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފްގެ ކަންބޮޑުވުމަކީ މިހާ މުހިއްމު މައްސަލައެއްގެ ވާހަކަ ކޮމިޓީގައި ދައްކާ ވަގުތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ކޮމިޓީ އަށް ހާޒިރު ނުކުރެއްވުމެވެ.

އޭނާ އެ ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޝާހިދަކީ އދ. ގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ވުމުން އޭނާ މި ވަގުތު ގިނައިން އުޅުއްވަނީ އެމެރިކާގަ އެވެ. ރާއްޖެ އަށް ވަޑައިގަންނަވަނީ ހާއްސަ ބައެއް ކަންކަން އޮންނަ ދުވަސްވަރު އެކަންޏެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރެއްވީ ޔާމީން ތުރުކުރައްވާ ޓީޝާޓްގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ރަށްރަށަށް ވަޑައިގެން ވަކި ގައުމަކާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ އެވެ.

އެކަމާ ގުޅިގެން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ، ޔާމީން އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން ކަންބޮޑުވެ، ބަޔާން ވެސް ނެރުނު ކަމަށެވެ.

"ސީދާ އިންޑިއާ އަށް ޓާގެޓް ކޮށްގެން ފެށީމާ އަދި އޭގެ އަސަރު ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ކުރަން ފެށީމާ، އިންޑިއާގައި ތިބި ދިވެހިންނަށް [ނޭދެވޭ އަސަރު] ކޮށްފާނެތީ ކަންބޮޑުވޭ. އަދި މާ ކަންބޮޑުވޭ އިންޑިއާގެ ސިޔާސީ މީހުން މި މައްސަލަ ނަގާފާނެތީ،" ޣަފޫރު ވިދާޅުވި އެވެ.

"ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ސުވާލު އުފައްދަން ފަށައިފި ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ."

ޣަފޫރު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ގެ ސަބަބުން ހަމައެކަނި އަސަރުކުރަނީ އިންޑިއާއަކަށް ނޫނެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީން ވަނީ އެ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްދިނުމަށް އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާލަތު ގޯސްވާން ނަގަނީ ހިނދުކޮޅެއް. އެ ހިސާބުން މުޅިން ކޮންޓްރޯލް ނެއްޓިފައި އޮންނާނީ. އެހެންވީމާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަކި ގައުމެއްގެ ރައްޔިތުންނާ ދެކޮޅަށް ތެދުވުން ރަނގަޅެއް ނޫން،" ގައުމަކާ ދެކޮޅަށް ތެދުވަންޖެހޭ ހާލަތެއް މިވަގުތު ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދާން ގޮވާލައި، ދެކޮޅަށް ފެށި ހަރަކާތް ޕީޕީއެމުން ވަނީ އަތޮޅުތަކުގައި ވެސް ފުޅާކޮށްފަ އެވެ. ޔާމީން އިސްވެ ހުންނަވައި އެ ހަރަކާތް ހިންގަވަން ރަށްރަށަށް ދަތުރުފުޅު ވެސް ކުރައްވަ އެވެ. ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާއެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުން ފާޅުކުރުން ކަމަށެވެ. ވަކި ގައުމަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅަށް ކެމްޕެއިން ނުހިންގޭނެ ކަަަމަށް ބުނެ އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް އޮތީ ތައްޔާރުވެފަ އެވެ.

45 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 5%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

16 February 2022

ވެލި ބަސްތާއެއް ލިބިދާނެތޯ؟

The name is already taken The name is available. Register?

ރާޖާ

16 February 2022

ޚިޔާނާތް ތެރިވާ މީހުން ވެސް ބުނެ އުޅޭ އެންމެ ލޯ ލާރިއެއްގަވެސް ނުޖެހެމޭ.. ބަލަގަ އޭނާ މިލިއަނުން ނަގާ އިރު ކޮން ލޯ ލާރިއެއް ބޭނުން ވާނީ. މިތަން އެއްކޮށް ލިބެން އޮންނަ އިރު އެންމެ ވެލިފުކަކުން ކުރާނެ ކަމެއް ނިކަން ދައްކަ ބަލަ.

The name is already taken The name is available. Register?

ކަރާސީނު

15 February 2022

މި ވެގެން އުޅޭ ގޮތަކީ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ވިއްކާލުމަށް ޑީލްތަކާއެއްޗެހި ހެދި ތަނުން އެއިރުގަ އިދިކޮޅުގަ ތިބިމީހުން މަސީހުއޭ ކިޔުނު މަޖިލީސް ރައީހެއްގެ ވޯޓެއްގައި ހިފައި ދަމަންފެށުމުން ޔާމީނު އެކުއެކީގައި ޗާޓުން ބޭރުން ކުޅެންފެށީ. ޔާމީނުގެ ވިސްނުން ހުރި ބީދައިން، އިދިކޮޅުގެ ފޯމިއުލާ ކޮޕީކޮށް، ސިޔާސީގޮތުން މަންފާއެއް ލިބެންއޮތް ހަމައެކަނި ގޮތަކީ "އައުޓު"ކުރުންކަމުގައި ދެކިގެން އެނބުރެނީ.

The name is already taken The name is available. Register?

ނަނަނަ

15 February 2022

އިންޑިއާ ނޫޅޭ ވެލިފުށް ހޯދާކަށް. ނޭޕާލް މޮރިޝަސްގެ ވެސް ވެލި ނުގެންދެޔޭ. ފިޖީ އަށް ފައުޖު ފޮނުވަން އުޅުނީމަ އޮސްޓްރޭލިއާ އިން ފޮޑިއެއް ޖެހީމަ ހޮރަށް ވަދެ ފިލި މީހުން ތި އިންޑިއާ އަކީ... އިންޑިއާއައުޓް.

The name is already taken The name is available. Register?

ބައްލަވާ

15 February 2022

ޔާމީންގެ ވެރިކަމުގައި އޭރު ތިބި އިންޑިއާގެ ސިފައިންގެ ވިސާއާކޮށްނުދިނީމަ އެމީހުން މިގައުމުން ނުފޭބުމަކީ ދެން ކޮން ގޮތަކަށް މިގައުމުގެ ބާރު އެމީހުންގެ މައްޗަށް ހިނގާފަ އޮތް ކަމެއްބާ؟ ޑިޕްލޮމެޓިކްކޮށް ދާން ބުނީމަ ނުދިއުން އެއީ އެމީހުން ކޮންފަދަ އެއްބަސްވުމަކާ ޚިލާފުވުންބާ؟ އެ ހުންނަނީ އަޅާނުލާ ދޫކޮށްލާވަރުގެ ކަންކަން ކަމަށް ބެލެވެނީ ކޮން ހައިސިއްޔަތަކުންބާ؟

The name is already taken The name is available. Register?

ހިޔަޅު

15 February 2022

މާގިނަ ވާހަކަދައްކަން ފުރުސަތެއް ދޭނަކަމެއްނެތް. އެއްވެސް އޮޅުވާލުމެއް ފޮރުވާލުމެއް ނެތް ތިޔަ ހުރިހާ އެގްރިމެންޓްތަކެއް ގެޒެޓްކޮށްލާ. އެންމެންނަށް ދެފުށްފެންނަ ގޮތަށް ހާމަކޮށްލާ. ބަހާ އަމަލާ ދިމާވުން މުހިންމު

The name is already taken The name is available. Register?

ބޮލި މުލައް

15 February 2022

ވެއްޔެއްނޫނޭ ދިނީ ރާއްޖެއޭ ދިނީ

The name is already taken The name is available. Register?

އަހުމަދު.

15 February 2022

އެންމެ ބޮޑު އަޅުވެތިކަމަކީ އަމިއްލަ ވަންތަކަމާއި ގޮތްނިއްމުމުގެ ބާރު ކެނޑުމެވެ. އެ ބާރު އޮތުމަށް ކިޔަނީ " ސަވެރނިޓީ" އޮތުމެވެ. ދިވެހި ދައުލަތް ކިތަންމެ ބޭނުންވިޔަސް ޕާކިސްތާނުގެ އިސްވެރިޔަކު ރާއްޖެ ގެންނަން ނުކެރެނީ ކީއްވެ? އިންޑިއާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ ނޭއްގާނީ ކަންތައްތަކަށް ބަސް ބުނަން ނުކެރެނީ ކީއްވެ? އިންޑިޔާގެ އެންމެ ރިކްއެސްޓަކަށް ވެސް ނޫނެކޭ ބުނަން ނުކެރެނީ ކީއްވެ. ހުސްވެސް ސުވާލެވެ.

The name is already taken The name is available. Register?

ހިބަރު

15 February 2022

ވެލި ފުކެއް ނޫން މުޅި ރާއްޖޭގެ ފަސްގަނޑާއި ކަނޑު ....

The name is already taken The name is available. Register?

ބޯހަލާކު

14 February 2022

ދެން ކީއްވެތަ އެގްރީމަންޓްތައް ބޮޑުފޮއްޓަށްލައިގެން ފޮރުވައިގެން އުޅުމުގެ އިތުރުން އެ އެއްޗިހީގައި ހުރިކަންކަން ލީކުވެދާނެ ކަލޭމެން ދެފައި ތުރުތުރު އަޅައަޅާ ތިބެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454