13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ބަލަނީ

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ފުލުހުން މިއަދު ބުނީ 13 އަހަރުގެ ކުއްޖަކު ބަލިވެ އިން ކަމުގެ ރިޕޯޓާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަަމަށެވެ. ކޯޓުން ބޭރުގައި، ސައްހަ ނޫން ކައިވެންޏެއް ކޮށް، އެ ކުއްޖާ އަށް އަނިޔާވެރިވި މައްސަލަ ފުުލުހުންނަށް ހުށަހެޅީ ޖެންޑާ މިނިސްޓްރީންނެވެ.

ކުޑަކުދިންނާ ކައިވެނި ކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އަމުދުން ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ހަރުކަށި ފިކުރުގެ "ޝިކާރައަކަށް" އެ ކުއްޖާ ހަދައި ބަލިވެ އިނުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މާނަ ކުރަނީ "ރޭޕްކުރުން" ކަމަށެވެ.

މި މައްސަލަ ޖެންޑާ އަށް ކުރިން އެނގިފައި އޮތް ކަން ސާފެއް ނޫނެވެ. އާއްމުންނާ ހަމައަށް މިކަން ތިލަވީ، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، ދޯންޏެއްގެ ތެރޭގައި މަރާލަން އުޅުނު މައްސަލައިންނެވެ. އަންހެން ކުއްޖާއާ ގާނޫނާ ޚިލާފަށް ކައިވެނި ކޮށްގެން އުޅުނީ ހައްމާދު ކަމަށް ތުހުމަތު ކުރެ އެވެ.

ދީނީގޮތުން ހަރުކަށި ފިކުރަށް ތަބާވާ ހައްމާދަށް އެރޭ ހަމަލާދިނީ، އޭނާއާ އެކު ދެން ތިބި މީހުން ކުރަން ރޭވި ކަމަކަށް ބައިއަތު ނުހިފުމުން ކަމަށް ވެ އެވެ. އެއީ ކޮން ކަމެއް ކަން ސާފުނުވިޔަސް އޭނާ އެކު އެރޭ ދޯނީގައި ދެން ތިބީ ވެސް އެ ފިކުރުގެ މީހުން ކަމަށް ވެ އެވެ.

އޭގެ ތެރެއިން ބައެއް މީހުން ވެސް އުޅެނީ ކޯޓުން ބޭރުގައި ސައްހަ ނޫން ކައިވެނިތަކެއް ކޮށްގެން ކަމަށް ވެ އެވެ. ރަސްމީ އިދާރާތަކުން މިކަމުގައި އަދި ވާހަކައެއް ނުދައްކަ އެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓުގައި ބުނީ ކުޑަކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.