ހުޅުލެ، ހުޅުމާލެ އަދި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކަރަންޓުގެ މި ނިޒާމަކީ ގްރޭޓާ މާލެ ރީޖަނަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އާއި ދުރު ރާސްތާ ޕްލޭންތަކާ އެކު ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމި ޚިދުމަތްދޭން ފެށުމުން މާލޭ ސަަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ގްރޭޓާ މާލެ ރީޖަންގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމުން ކެޕޭސިޓީ ކުރިއަރައިގެންދާއިރު މާލެ އަށް ކަރަންޓު މަދުވެގެންދާ ވަގުތު ނުވަތަ މާލެއިން ކަރަންޓު ކެނޑިގެންދާ ވަގުތުތަކުގައި ހުޅުމާލެއިން މާލެ އަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ހަމައެގޮތުން ހުޅުމާލެއިން ކަރަންޓު ކެނޑިގެންދާ ވަގުތުތަކުގައި މާލެއިން ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މި މަޝްރޫއުގެ 45 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ އިތުރުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން "ޑިސްޓްރިބިއުޝަން ސްކާޑާ"ގެ ނަމުގައި ސްޓެލްކޯއިން މިހާރުވަނީ މަޝްރޫއެއް ފަށާފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރުމުގެ އިތުރުން ކަރަންޓް ކެނޑެން ދިމާވާ މައްސަލަތައް ކުރީބައިގައި ދެނެގަނެވި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މި މަޝްރޫއުގެ ދަށުން ކަރަންޓް ދޫކުރުމަށްޓަކައި ސަބް ސްޓޭޝަންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.