މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މީހަކަށް ކުރާ އަނިޔާއެއްގެ ނަތީޖާ، ﷲ މިންވަރު ކުރައްވައިފި ނަމަ ދުނިޔެމަތީގައި ވެސް ފެނުމަކީ ދުނިޔެ ދައްކަމުން އަންނަ ހަގީގަތެއް ކަމަށާއި ޔަގީނުން ވެސް އާޚިރަތުގައި އެކަމުގެ އުގޫބާތާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ތިމާއަކީ ކޮންމެ މަގާމެއްގައި ހުރި، ކޮންމެ ފަދަ މަސްއޫލިއްޔަތެއް އަދާކުރާ މީހަކަށް ވިޔަސް އަބަދުވެސް އަޒުމަކަށް ވާންވީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި އެކަމެއް ކުރުން ކަމަށާއި އަނެކުންގެ ހައްގެއް އެކުލެވޭ ނަމަ އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށެވެ.
"އަދި އެއްވެސް މަގާމެއްގައި ތާއަބަދު ތިމާއަށް ނުހުރެވޭނެކަން ގަބޫލުކޮށް ނުރަނގަޅު އަމަލުތަކުން ދުރުހެލިވުމަށް. އަޅުގަނޑުމެން ފަހަރެއްގައި ވެސް ހިތަށް އަރުވައިގެން ނުވާނެ މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި ތިމާއަށް އުފަލާ އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވީމާ އަޒުމަކަށް ހަދަންވީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަަށް ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެންމެންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރިކުރުން ކަމަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ވެސް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމެވެ. އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓާ ނަގަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވީ ދުވަހާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާ އިރު ހަނދާން ކުރަންވީ އިސްލާމްދީން ގެނެސްދިން ބޮޑެތި ބަދަލުތައް މަތިން ކަމަށާއި އެބަދަލަކީ ކޮންމެ ކަމެއްގެ ވެސް އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކުރުން ކަމަށެވެ.
"ނުބައި ނުރަނގަޅު ކަންކަމުން ދުރުހެލިވުން، އެކަކު އަނެކަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި މުޅި މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކޮށް އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުން،" ފައިސަލް ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މަައުމޫނު އަބްދުލް ގައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެހެން ބައެއް މިނިސްޓަރުން އަދި ދައުތަލަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިން ބައިވެރިވަޑައިގެންނެވި އެވެ.
ރާއްޖެ އިސްލާމްދީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ޚިތާބުގައި ވިދާޅުވީ އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ކުޑައިމީސް ކުރުމުގެ އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށެވެ. ރައީސް ވިދާޅުވީ ދީނުގެ ތަސައްވުރު ހުތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ފަރުވާތެރިވެ، އެކަންކަމުން ސަލާމަތްވުމަށާއި އެކަންކަމުން ޅަދަރީން ސަލާމަތް ކުރުމަކީ އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.