ޝަމީމް ވިދާޅުވަނީ ދައުވާކުރުން ސަކަރާތަކަށް ނުހައްދަވާނެ ކަމަށް

ނުހައްގުން ދައުވާ އުފުލައި، އެ ދައުވާތައް ގޯސްކަމަށް ނިންމައި ފަހުން އަނބުރާ ގެނައުން ފަދަ، "ފާޑުފާޑުގެ ސަކަރާތް" ނުޖައްސަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ނަން ހުށަހަޅުއްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.


ޕީޖީ ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވައި އަދި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން، ޝަމީމްގެ ނަން ވަނީ ފާސްކޮށްފަ އެވެ.

އޭނާގެ ނަން ރައީސް ހުށަހެޅުއްވީ ޕީޖީގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ކުރަނިކޮށް އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ގޯސްކޮށް ކަަމަށް ބިޝާމަށް ތުހުމަތުކުރެ އެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފުލި އެ ދައުވާތައް އަނބުރާ ގެންނެވުމުންނެވެ.

ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޝަމީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު، ދައުވާތައް އުފުލި ގޮތާއި ކަން ވެގެން ދިޔަ ގޮތް ގާތުން އެނގިވަޑައިގެންނެވި ކަމަށެވެ. އެގޮތަށް އެކަން ދިމާވުމުގެ ނަތީޖާ އަކީ ޖިނާއީ އަދުލުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ސިޔާސީ ދައުވާއެއް ނުކުރާނަން. އެކަމަކު ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ކުށެއް ކޮށްފިއްޔާ އެ ކުށުގެ ދައުވާ އެއްވެސް ފަސްޖެހުމެއް ނެތި ކުރާނަން. އެކަމުގެ އެއްވެސް އުނދަގުލެއް ވެސް ކަންބޮޑުވުމެއް ވެސް ބިރުވެރިކަމެއް ވެސް އަޅުގަނޑަކަށެއް ނެތް،" ޝަމީމް

ވަކީލެއްގެ ހައިސިއްޔަތުން އޭނާ ކުރިއަށް ގެންދެވި މައްސަލަތަކުން މިސާލު ދައްކަވައި ވިދާޅުވީ ގއ. ކޮލަމާފުށީގައި ޕޯސްޓަރެއް ހަރުކުރި 18 މީހުން ހައްޔަރުކޮށް ޓެރަރިސްޓުންނަށް ހަދައިގެން ގެންގުޅުނު ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ގެންގުޅުމަށް ފަހު އެ މީހުން ދޫކޮށްލި އިރު ތަހުގީގު ވެސް ފުރިހަމަ ނުވާ ކަމަށާއި އެއީ ކޮންމެވެސް ބޭފުޅަކު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މައްސަލައަކަށް ވާ އިރު އެކަން ވެސް ސާފު ނޫން ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ހެއްދެވީމާ އެ ކަމުގައި ސިޔާސީ ކުލަ ވެސް ހުންނަނީ. އެކަމުގެ ސަބަބުން، ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެނީ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަން ޕްރޮސިކިއުޓަ ޖެނެރަލަށް އައްޔަން ވެއްޖިއްޔާ، އެގޮތަށް ދިމާލަށް ގޯސްކޮށް، ޝައްކު ކުރެވޭ ނުވަތަ ތުހުމަތުކުރެވޭ ގޮތަށް ހިނގާފައިވާ ކަންކަން ބަލައި ފިޔަވަޅު އެޅުން."

އެއީ ވަޒީފާ އިން ވަކިކުރާ ވާހަކަ ނޫން ކަމަށާއި ގޯސްކޮށް ކަންކަން ކުރާ މީހުންނަށް އަދަބު ލިބޭނެ ކަން ނިޒާމުގެ ތެރެއިން ސާފުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިން ވެސް އަދި ކުށްތަކުގައި ހައްޔަރުކުރާ އެހެން މީހުން ވެސް ބަންދެއްގައި ބަހައްޓަންވާނީ އެކަމާ ބެހޭ އުސޫލްތައް ހަދައި، އެކަން ރަނގަޅަށް ބެލެހެއްޓިގެން ކަމަށެވެ. އެކަމަކު މިހާރު ކަން ހިނގަނީ އެ އުސޫލުން ނޫން ކަމަށާއި 200 އަށް ވުރެން ގިނަ މީހުން ވާނުވާގައި ތިބި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީ، ވަރަށް ބޮޑު ގޯހެއް ކަމަށް އަޅުގަނޑު ދެކެނީ،" ޝަމީމް ވިދާޅުވި އެވެ.

އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރެއްވި އަދި ފުލުހުންގެ މުއައްސަސާ އިން އަމަލުކުރަން އޮންނަ ގާނޫނީ އުސޫލްތައް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަން ފާހަގަކުރައްވައި، ދައުލަތުގެ މުއައްޒަފުން އަނިޔާކުރާ މައްސަލަ އަށް ހައްލު ހޯދައިދެއްވަން ޝަމީމް ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުން ހިންނަވަރު ދާއިރާގެ މެމްބަރު، ޖީހާން މަހްމޫދު، ސުވާލު ކުރެއްވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ޓޯޗާގެ ގާނޫނު އޮތަސް ދައުލަތުގެ މުވައްޒަފުން ކުރާ ކުށްތައް ތަހުގީގުކޮށް އަދަބު ދިނުމުގެ ސަގާފަތެއް ރާއްޖޭގައި ނެތެވެ. މުއައްސަސާތައް ޒިންމާދާރުކުރުވަން ޖެހޭ ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނުން ވޭތުވެދިޔަ ފަސް އަހަރު އެއްވެސް މައްސަލައެއް ފޮނުވާފައި ނުވާއިރު އެޗްއާރުސީއެމުން ފޮނުވާފައި އޮތީ އެންމެ ފަސް މައްސަލަ ކަމަށް ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތައް ބަލާ މުއައްސަސާތަކުން އަމަލުކުރާ އުސޫލްތައް ބަލައި މުރާޖައާ ކުރެއްވުމަކީ ޕީޖީ އޮފީހުގެ ޒިންމާއެކެވެ. އެކަމަކު ޕީޖީ އަދާކުރައްވަން ޖެހޭ އެ ޒިންމާ މިހާތަނަށް ކުރެވިފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ޕްރޮސިކިއުޓަ ޖެނެރަލަކަށް އައްޔަން ކުރެވިއްޖިއްޔާ، ޖިނާއީ ތަހުގީގުތައް ހިންގަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެވޭތޯ ބެލުން، ފާޑުފާޑުގެ ސަކަރާތް ޖަހައިގެން މައްސަލަތައް ނުބެލޭނެ ގޮތަށް ހެދުމެއް ނޫން. ތަހުގީގީ އިދާރާތަކުން ކުރާ މަސައްކަތްތައް ހުއްޓުވޭނީ އެކަންކަން ގާތުން ބެލިގެން،" ޝަމީމް ވިދާޅުވި އެވެ.