ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު މިއަދު ރައްދު ދެއްވައިފި އެވެ.

ގާސިމް ރޭ ވިދާޅުވީ ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަން ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުއަސާސީގައި އޮންނަ އަސާސީ ހައްގުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. ގާސިމް އިޝާރާތް ކުރެއްވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ. އަށެވެ.

އެ މާއްދާގައި ބުނަނީ "ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަށް، ނުވަަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ، ޖިންސަށް، ނުވަތަ، އުމުރަށް، ނުވަނަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަނަ އެ ނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާ އަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ" ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ. އަކީ އަންހެނުން ބާރުވެރި ކުރުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހި ކުރުމަށް ލިޔެފައިވާ މާއްދާއެއް ކަމަށެވެ.

އަނީސާ އިޝާރާތް ކުރައްވާ މާއްދާގައި ބުނަނީ "މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ ތަފާތުކުރުމެއް ކަމުގައެއް ނުވާނެ" ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި އޮތް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރަށްރަށާއި ސިޓީތައް ހިނގާނީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރެވި، އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން ކަށަވަރު ކުރުމަށް ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.

ބިލްގައިވާ ގޮތުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުންގެ ތެރެއިން 33 ޕަސަންޓް ހާއްސަ ކުރަންވާނީ އަންހެނުންނަށެވެ.