އޭސީސީގެ ލަފާ: ކޮރަޕްޝަނަށް ހުޅުވިފައިވާ މާއްދާ އުވާލާ!

މާލިއްޔަތު ގަވާއިދުގައި ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމާ ބެހޭ އިދާރާތަކަށް ލަފާ ދީފި އެވެ.


އެ މާއްދާ އިސްލާހުކުރަން، ކުރީގެ ކޮމިޝަނުން ވެސް މި ސަރުކާރަށް ހުށަހެޅި އެވެ. އެކަމަކު މިހާތަނަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގޯސް ހެދި އެ މާއްދާގެ ދަށުން މި ސަރުކާރުން ވެސް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވެ އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅޭ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ހުށަހެޅި ޝަކުވާތަކާ ގުޅިގެން އޭސީސީން ވަނީ ކޮރަޕްޝަން ކުޑަކުރެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ގޮތްތައް ބަލަން އެސެސްމެންޓެއް ހަދައިފަ އެވެ. އެއިން އެނގުނީ، އޭސީސީން ބުނިގޮތުގައި، މާލިއްޔަތު ގަވާއިދަށް ކުރީގެ ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކޮރަޕްޝަން ހިންގައި، ދައުލަތަށް ބޮޑެތި ގެއްލުންވުމުގެ މަގު އަދިވެސް ހުޅުވިފައިވާ ކަމެވެ.

ޔާމީންގެ ސަރުކާރުގައި، މެއި، 28 2015 ގައި މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނައި އެއް ބޭނުމަކީ އޭރު ތުހުމަތުކުރި ގޮތުގައި، މަޝްރޫއުތަކުން "ބޮޑެތި ކަޓު" ނެގުމެވެ. އެ މާއްދާގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މިދިޔަ ސަރުކާރުގައި އެތައް މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަތައް އޭސީސީީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހު، ރާއްޖެއިން ބައިވެރިވެފައިވާ ބައެއް މުއާހަދާތަކާ ވެސް ފުށުއަރަ އެވެ. އަދި ދައުލަތުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައި އަގުތައް އިންތިހާ އަށް ބޮޑުވެ ހާމަކަން ގެއްލުމުގެ އިތުރުން ވާދަވެރިކަން ނެތި، ކޮރަޕްޝަނަށް މަގުފަހިވެ އެވެ.

އޭސީސީން މައްސަލައެއްގެ ގޮތުގައި ނަގަނީ އާއްމުކޮށް ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހިމަނާފައިވާ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ "ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ނުވަތަ ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން ކުރެވިދާނެ" ކަމަށެވެ.

ނަމަވެސް މަސައްކަތް ހަވާލުކުރާ ފަރާތެއް ކަނޑައަޅަން ޖެހޭނީ މަސައްކަތުގެ ބާވަތާއި މަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ނެޝަނަލް ޓެންޑަ ބޯޑަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ވެސް ލިއުމަކުން ހޯދުމަށް ފަހު އެވެ.

އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

އެ މާއްދާގެ ށ. އިން ވެސް ވަނީ ނުރައްކާތެރި ހުއްދައެއް ދީފަ އެވެ. އެއީ، ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގަން ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން ހިންގިދާނެ އެވެ. މިގޮތުން މަޝްރޫއު ހަވާލުކުރާ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން އެ މަޝްރޫއެއް ހިންގަން އެކަށީގެންވާ ފަރާތެއް ކަން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

އޭސީސީން ބުނީ މި މާއްދާތަކުގެ ދަށުން މިހާތަނަށް ގިނަ ފަހަރަށް އަމަލުކޮށްފައި ވަނީ ވަކި ފަރާތަކަށް ފައިދާ ހޯދައި ދޭން ކަމަށެވެ. މިގޮތަށް ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރާ ބައެއް މަޝްރޫއުތައް ހިންގާނެ ގާބިލްކަމާއި ވަސީލަތްތައް ނެތުމުން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކޮށްފައިވުމުން އެ މަސައްކަތަށް ޚަރަދުކޮށްފައިވާ ވަރަށް ވުރެ ކުޑަ އަގެއްގައި ކުރެވޭނެ ކަން ފެންނަން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުނިތަކާ، އިއުލާން ކުރުމެއް ނެތި މަޝްރޫއު ހަވާލުކުރެވޭ ގޮތަށް އޮތުމަކީ ވާދަވެރި ބީލަމުގެ ފުރުސަތު ގެއްލި، މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް ދައުލަތަށް ޚިދުމަތާއި ތަކެތި ހޯދުމުގެ ފުރުސަތު ބޮޑުވެފައި އޮތުމެވެ.

ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫއުތައް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދޫކުރަން ޖެހިއްޖެ ހާލަތެއްގައި ދޫކުރާނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ބަޔާންކުރާ މާއްދާއެއް ގަވާއިދުގައި ހިމަނަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.

"އެފަދަ މަޝްރޫއުތައް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހާލަތުގައި ވެސް، އެފަދަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ވާނީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ ކުންފުނީގެ އަސްލީ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭތޯ ބެލުމަށް ފަހު، ހަމަ އަގުގަ އެވެ. އަދި މިފަދަ ގޮތަކަށް މަސައްކަތް ނުވަތަ މަޝްރޫއުތައް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކުރެވޭ ގޮތަށް ބާއްވާ ނަމަ އެކަން އޮންނަން ވާނީ އެފަދަ ކުންފުންޏަކާ ހަވާލުކުރެވޭ މަސައްކަތް ތިން ވަނަ ފަރާތަކާ ހަވާލުނުކުރެވޭ ގޮތަށެވެ،" އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިއުމުގައިވެ އެވެ.

އޭސީސީން ލަފާ ދިން ގޮތް:

- މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު އުވާލައި އެ މާއްދާގައި ހިމެނޭ މަފްހޫމްތައް ހިމެނޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބަދަލު ގެނައުން.

- އެ ބަދަލު ގެންނައިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބިޑަށް ނުލައި މަސައްކަތް ހަވާލުކުރުމާއި ބޭރުގެ ގައުމެއްގެ އެހީގައި މަޝްރޫއުތައް ހިންގުމާއި ކޮންސެޝަނަލް ލޯނެއްގެ ދަށުން މަޝްރޫއުތައް ހިންގަން ޚާއްސަ މާއްދާތައް ވަކިވަކިން އެކުލަވާލުން.

- ބީލަމަށް ހުޅުވާލުމުގައި ވާދަވެރި، ދެ ފުށް ފެންނަ، ހާމަކަން ބޮޑު، ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ހިމެނުން.

- ދައުލަތަށް އެންމެ ފައިދާހުރި އަދި އެންމެ ގެއްލުން ކުޑަ ގޮތް އިޚްތިޔާރުކުރުން.

- ބާޒާރުގައި އެ ކަމަކަށް އެ ދުވަސްވަރަކު އޮންނަ އަގަށް ރިއާޔަތްކުރުމާއި ހަމަ އަގުގައި މަޝްރޫއު ހަވާލުކުރުން.

- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ބީލަންކުރުން.

- ރިޝްވަތުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުލިބޭނެ އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނުހޯދޭނެކަން ކަށަވަރުކުރުން.

އޭސީސީން ބުނިގޮތުގައި މާލިއްޔަތު ގަވާއިދުގައި ކުއްލި ހާލަތަކީ ކޮބައި ކަން ވެސް ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން، ކުއްލި ހާލަތްތަކުގައި ބައެއް މަސައްކަތް ނުވަތަ މަޝްރޫއު އާއްމުކޮށް ބީލަމަށް ނުލައި ކުރިއަށް ގެންދިއުމުގެ އުސޫލް ވެސް އިސްލާހުކުރަން ޖެހެ އެވެ.

މި އިސްލާހުތައް ގެނައުމުގެ ކުރިން އެ ކޮމިޝަނާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ލަފާ ހޯދަން ވެސް އޭސީސީން އެދިފައިވެ އެވެ.