ގަތުލުކޮށްލާފައިވާ ބްލޮގާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ، އޭނާގެ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ބާ ކައުންސިލަށް މައްސަލަ ހުށަހެޅީ، އިސްމާއީލް ރަޝީދަކީ އޭނާ ނުދަންނަ އަދި ދުވަހަކު ވެސް ބައްދަލުވެފައިވާ މީހަކަށް ނުވާއިރު އޭނާގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދުގެ ނަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވުމުންނެވެ.

ޒާހިދު ބުނިގޮތުގައި އޭނާގެ ނަން ކޯޓަށް ހުށަހެޅީ، ޝަރީއަތުގައި ސިޔާސީ ކުލަ ޖައްސައި އަބުރު ކަތިލުމުގެ ބޭނުމުގަ އެވެ.

"ޔާމީން ރަޝީދުގެ މަރާ ގުޅުމެއް ވާކަމަށް ބުނެ އަޅުގަނޑުގެ އަބުރު ކަތިލަން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ހާއްސަކޮށް ސިޔާސީ ގޮތުން އަޅުގަނޑު ނިސްބަތްވާ [ޕީޕީއެމް] ބަލިކަށި ކުރުމަށް މިފަދަ ދޮގު އިލްޒާމް އެޅުވުމަކީ ހިތާމަ ކުރާ ކަމެކެވެ." މައްސަލަ ހުށަހެޅި ސިޓީގައި ޒާހިދު ބުނެފައި ވެ އެވެ.

އޭނާ ބުނިގޮތުގައި ބާ ކައުންސިލްގެ ރައީސް ފަދަ ގަދަރުވެރި މަގާމެއްގައި ހުންނަވައި، ދޮގު އިލްޒާމް އަޅުވާ މީހުންނާ ބައިވެރިވެ އޭނާގެ އަގުވައްޓާލުމަށް މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެކެވެ.

އިސްމާއިލް ރަޝީދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ކުރިން ހުށަހަޅާފައި އޮތަސް ފަހުން ވަނީ އެ އަދަދު ހަތަރަކަށް މަދުކޮށްފަ އެވެ. އޭގެ ތެރޭގައި ޒާހިދު ވެސް ހިމެނެ އެވެ.

މައުމޫން ކުރިން ވިދާޅުވީ ޒާހިދާއެކު ދެން ތިބި ތިން މީހުންނަކީ ޔާމީނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ކަަމަށާއި އެ މީހުންގެ ހެކި ބަސް ނަގަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ވަނީ އެ މީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރުކުރުމަށް އެދިވަޑައިގެންފަ އެވެ.