ކައިވެނި ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުސޫލު ފެމިލީ ކޯޓުން ލުއިކޮށް ދީފި އެވެ.
އަލަށް ކައިވެނި ކުރާ ނަމަ، ކައިވެނިކޮށް ދޭނީ ފެމިލީ ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުންނެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެވެނީ އެކަމަށް ޚާއްސަ ފޯމަކުންނެވެ.
އެކަމަކު އެ އުސޫލު ބަދަލުކޮށް، ފެމިލީ ކޯޓުން ކުރި އިއުލާނެއްގައި ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމުގެ ބަދަލުގައި ޚާއްސަ ސްލިޕެއް ފުރިހަމަކޮށް ހުށަހެޅުމުން އޭގައި ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ސްލިޕް ނެގުމަށާއި ހުށަހެޅުމަށް ވެސް ކިއުގައި ޖެހެން ނުޖެހޭނެ ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.
ފެމިލީ ކޯޓުގެ ވެބްސައިޓާއި އެ ކޯޓުގެ ކައިވެންޏާ ބެހޭ ބައިން ސްލިޕް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އަލަށް ކައިވެނި ކުރަން ކޯޓަށް ހުށަހަޅާއިރު، ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައިި އެ މީހަކު ބައިވެރިވި ކަމުގެ ސެޓްފިކެޓް ކޯޓަށް ހުށަހަޅަން ޖެހެ އެވެ.