ހަރުކަށި ފިކުރާ ދެކޮޅަށް އިލްމުވެރިން ތެދުވާން އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމާއި ޖިނާއީ އަމަލުތަކަށް ހިތްވަރު ދިނުމާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ގޮވާލައިފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދީނީ ނަސޭހަތް ދިނުމާއި ދީނީ ޝިއާރު ފާޅު ކުރުމުގައި އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުޖްތަމައުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަށާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް ހިތްވަރު ދިނުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި އެ ނޫން ވެސް އެފަދަ ޖިނާއީ ކުށްތައް ނުހިންގުމަށް ގޮވާލާ ކަމަށެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ، ދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ދީނީ އިލްމުވެރިންނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިސްލާމްދީނުގެ އަގީދާ އޮޅުން ފިލުވުމުގައި ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބުރަވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ އިލްމުވެރިންގެ ކިބައިން ކަންކަން އޮޅުން ފިލުވަން އިސްލާމިކް މިނިސްޓްރީން ގޮވައިލި އެވެ. އަދި ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމަށް އިލްމުވެރިން ކުރާ މަސައްކަތްތަކަށް އެ މިނިސްޓްރީން އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މުޖްތަމައުގެ އާންމު މަސްލަހަތަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކަށް ބޯނުލެނބުމާއި އާންމު ތައުލީމާއި ސިއްހީ ވަސީލަތްތަކުން ކުޑަކުދިން މަހްރޫމް ކުރުމާއި ގާނޫނާ ޚިލާފަށް ކައިވެނި ކުރުމުގެ އިތުރުން މުސްލިމުންގެ ލޭ ހުއްދަ ކުރުން ފަދަ ކަންކަމަކީ އިސްލާމްދީނުގެ ނަމުގައި އެއްވެސް ގޮތަކަށް ފަތުރައިގެން ވާނެ ފިކުރުތަކެއް ނޫނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބި، އިސްލާމްދީނުގެ ނަން ކިލަނބު ކުރުމަށް އެއްވެސް ރައްޔިތަކު ވެސް ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، އިސްލާމްދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން ދާނެ އެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ބަޔާން ނެރުނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި، ބައެއް މީހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފްވި ކަމުގެ މައްސަލަތަކެއް ބަލަމުންދާތީ ތިން އިލްމުވެރިއެއްގެ ހުއްދަ ވެސް މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.