ޓެކްސީ ޑުރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލާގައި މީގެ އިރުކޮޅެއް ކުރިން މީހަކު ހައްުޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރީ ފިރިހެނަކު ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލް މާދަމާ ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ގާސިމް މަރައިލި މައްސަލަ ތަހުގީގު ކުރާ އޮފިސަރުންނާ މެދު ފަޚުރު ވެރިވާ ކަމަށެވެ.

ގާސިމް، 59، އަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ސީޕީ ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގާސިމްގެ ޓެކްސީ ދުއްވި މަގުތައް ސީސީޓީވީ ފުޓޭޖުން ވަނީ ދެނެގަނެވިފަ އެވެ. މިހާތަނަށް ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރެވޭ މީހުންގެ އައިޑެންޓިޓީ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސީޕީ ހަމީދު ވިދާޅުވެފައި ވެ އެވެ.

ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ ހަތަރު ވަަނަ ދުވަހުގެ ރޭ ރޭގަނޑު 9:07 ގަ އެވެ. އެއީ އެކަހެރިކޮށް އޮންނަ އަނދިރި ހިސާބެކެވެ.

ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.